ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނަޑެއްލާއާއި ހޯނޑެއްދޫގައި ޒަމާނީ ދެ މިސްކިތް އެޅުމަށް ހަވާލުކޮށްފި

ނަޑެއްލާއާއި ހޯނޑެއްދޫގައި ޒަމާނީ ދެ މިސްކިތް އެޅުމަށް ހަވާލުކޮށްފި

ގދ. އަތޮޅުގެ ދެ ރަށެއް ކަމަށްވާ ނަޑެއްލާއާއި ހޯނޑެއްދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ދައުލަތުގެ ބަޖެޓުން 22.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އެ ދެ ރަށުގައި އައު މިސްކިތް އެޅުމުގެ ޢަމަލީ މަސައްކަތް ކުރުމަށް ދެ ކުންފުންޏަކާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދާ މި ދެ މަޝްރޫޢުގެ އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު އަދީލްއެވެ.

ނަޑެއްލާގައި ބިނާކުރާ 300 މީހުންގެ ޖާގައިގެ މިސްކިތް އެޅުމުގެ މަސައްކަތް 10.9 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވަނީ މިމްސް ކޮންސްޓްރަކްޝަންއާއެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ ޙަސަން ފަޔާޒެވެ.

ހޯނޑެއްދޫގައި 500 މީހުންގެ ޖާގައާއެކު އަޅާ މިސްކިތުގެ މަސައްކަތް 11.9 މިލިއަން ރުފިޔާއަށް ހަވާލުކުރީ އަފާމީ މޯލްޑިވްސްއާއެވެ. އެ ކުންފުނީގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ އަމީން މުޙައްމަދު ސޮއިކުރެއްވި މި މަސައްކަތްވެސް، ނަޑެއްލާ މިސްކިތެކޭ އެއްފަދައިން ނިންމަން ހަމަޖެހިފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައެވެ.

ޒަމާނީ ފެންވަރަށް ތަރައްޤީކުރާ މި ދެ މިސްކިތުގައިވެސް އަންހެނުންނާއި ފިރިހެނުންނަށް ވަކިން ނަމާދުކުރެވޭނެ އިންތިޒާމުގެ އިތުރުން އިމާމު ކޮޓަރިއާއި، ލައިބްރަރީ އަދި ޤުރުއާން ކުލާސްތައް ހިންގޭނެ ޖާގަ ޤާއިމުކުރެވިގެންދާނެއެވެ.

މީގެއިތުރުން ތިމާވެއްޓާ ރައްޓެހި ގޮތަކަށް ބިނާކުރާ މި ދެ މިސްކިތް އެއްކޮށް އޭސީކުރުމަށް ހަމަޖެހިފައިވާއިރު، ހަކަތައިގެ ޚަރަދު ކުޑަކުރުމަށްޓަކައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވޭ ގޮތަށް ސޯލާ ސިސްޓަމް ހަރުކުރުމަށްވެސް ވަނީ ނިންމާފައެވެ.