ޕީއެންސީގެ މަތީ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެންފި
ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެންމެ އިސް އެއް ގުނަވަން ކަމަށްވާ މަތީ މަޖިލިސް އިފްތިތާޙުކުރުމަށް ބޭއްވި ތާރީޚީ ޖަލްސާގައި، ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގެންފިއެވެ.
އެމަނިކުފާނު މި ޖަލްސާގައި ބައިވެރިވެވަޑައިގަތީ، އެކަމަށް ޕީއެންސީގެ ފަރާތުން އެރުވި ޚާއްޞަ ދަޢުވަތެއް ގަބޫލުފުޅުކުރައްވައިގެންނެވެ.
ޒުވާނުންގެ މަރުކަޒު ނުވަތަ ސޯޝަލް ސެންޓަރުގައި ކުރިއަށްދިޔަ މި ޚާއްޞަ ޖަލްސާއަށް ރައީސް ނަޝީދު ވަޑައިގަތުމާއެކު، ޕީއެންސީގެ ރައީސް އަދި ރާއްޖޭގެ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނާ ބައްދަލުކުރައްވައި ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ގިނަ އަދަދެއްގެ މަންދޫބުންނާއެކު ފެށިގެންދިޔަ މި ކޮންގްރެސްއަކީ ޕީއެންސީގެ ތާރީޚުގައިވެސް ބޭއްވޭ އެންމެ ބޮޑު އެއް ސިޔާސީ ހަރަކާތެވެ.
Ads by BMLއާންމު އުސޫލެއްގެ ގޮތުން ސިޔާސީ ޕާޓީތަކުން ބާއްވާ މިފަދަ ބޮޑެތި ކޮންގްރެސްތައް ފެށުމުގެ ރަސްމިއްޔާތަށް ރާއްޖޭގައި ހަރަކާތްތެރިވާ އެހެނިހެން ސިޔާސީ ޕާޓީތަކުގެ އިސްވެރިންނަށް ދަޢުވަތު އަރުވައެވެ. ނަމަވެސް، ޕީއެންސީގެ މި ޖަލްސާއިން ފެނިގެންދިޔައީ އެހެން ޕާޓީތަކުގެ ލީޑަރުންގެ ތެރެއިން ހަމައެކަނި ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވި މަންޒަރެވެ.
މިއީ ދާދި ފަހުން ބޭއްވުނު ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީއެންސީން ހޯދި ބޮޑު ކާމިޔާބީއަށްފަހު، ޕާޓީގެ އެތެރޭގެ އިންތިޒާމުތައް ހަރުދަނާކޮށް، މެމްބަރުންގެ އަދަދު އިތުރުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްގެންދާ ދަނޑިވަޅެއްގައި ބޭއްވޭ މުހިންމު ކޮންގްރެސްއެކެވެ. ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިޔާލުތަފާތުވުންތަކެއްގައި އުޅުއްވި ބޭފުޅުން މިއަދު އެއް ޕްލެޓްފޯމަކުން ފެނިގެންދިއުމަކީ ސިޔާސީ ގޮތުން ގިނަ ބައެއްގެ ސަމާލުކަން މި ޖަލްސާއަށް ހުއްޓުނު އެއް ސަބަބެވެ.
Ads by MACL
