ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަތޮޅުތަކުން: ށ. ޅައިމަގު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ 98 އިންސައްތަ މަސައްކަތް ނިމިއްޖެ

އަތޮޅުތަކުން: ށ. ޅައިމަގު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ 98 އިންސައްތަ މަސައްކަތް ނިމިއްޖެ

ށ. ޅައިމަގު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ބޮޑުބައެއް ނިމި، މުޅި މަޝްރޫޢުގެ 98 އިންސައްތަ މަސައްކަތް ފުރިހަމަކުރެވިއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ މި މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށްދަނީ ބޮޑުހިލަ ޕްރޮފައިލް ކުރުމުގެ މަސައްކަތްތަކެވެ.

ޖުމްލަ 60.7 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން 45,000 އަށްވުރެ ގިނަ ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، 281 މީޓަރުގެ ބޭރުތޮއްޓަކާއި، 414 މީޓަރުގެ އެއްގަމުތޮއްޓެއްގެ އިތުރުން 581 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 2,290 އަށްވުރެ ގިނަ އަކަމީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

މީގެއިތުރުން ގްރޮއިންސް ޖެހުމާއި، ރޭމްޕެއް ހެދުމާއި، ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރެއިން ކުރިއަށްދެއެވެ.

މި މަޝްރޫޢާ ގުޅޭ އިތުރު މަޢުލޫމާތާއި ފަހުގެ އަދާހަމަތައް އެމްޓީސީސީގެ ޕްރޮޖެކްޓް ޕޯޓަލް  މެދުވެރިކޮށް ބަލާލެވޭނެއެވެ.