ބައިނަލްއަގްވާމީ ޔުނިކޯޑް ސްޓޭންޑާޑްގައި ދިވެހި ރުފިޔާގެ ނިޝާން ރަސްމީކޮށް ހިމަނައިފި
ދަ ޔުނިކޯޑް ކޮންސޯޓިއަމް އިން ދާދި ފަހުން ނެރުނު "ޔުނިކޯޑް 18.0" ގައި ދިވެހި ރުފިޔާގެ ނިޝާން ރަސްމީކޮށް ހިމަނައިފިއެވެ. މިގޮތުން ރުފިޔާގެ ނިޝާނަށް ޔުނިކޯޑުގައި ކަނޑައަޅާފައިވާ ކޯޑް ޕޮއިންޓަކީ U+20C2 އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މައުލޫމާތު ދޭ ގޮތުގައި، 2022 ވަނަ އަހަރު އަލަށް ތައާރަފުކުރި މި ނިޝާން ޔުނިކޯޑުގައި ހިމެނިގެން ދިއުމަކީ ޑިޖިޓަލް މާހައުލުގައި ރުފިޔާގެ ނިޝާން ބޭނުންކުރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މީގެ ސަބަބުން، ތަފާތު ވެބްސައިޓްތަކާއި، މޯބައިލް އެޕްލިކޭޝަންތަކުގެ އިތުރުން ޑިޖިޓަލް އެހެނިހެން ވަސީލަތްތަކުގައި ވެސް އެއް މިންގަނޑަކުން މި ނިޝާން މިހާރު ބޭނުންކުރެވޭނެއެވެ.
މި މުހިންމު ލަނޑުދަނޑި ހާސިލުކުރުމުގައި އެމްއެމްއޭއަށް އެކި ގޮތްގޮތުން މަސައްކަތްކޮށްދީ އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް އެ އޮތޯރިޓީން ވަނީ ޝުކުރު އަދާކޮށްފައެވެ.
Ads by BMLދުނިޔޭގެ އެކި ގައުމުތަކުގެ ފައިސާގެ ނިޝާންތައް ޑިޖިޓަލް ޕްލެޓްފޯމްތަކުގައި އެއް މިންގަނޑަކުން ދެނެގަނެވޭނެ އިންތިޒާމު ހަމަޖައްސައިދޭ މައި އިދާރާއަކީ ޔުނިކޯޑް ކޮންސޯޓިއަމްއެވެ. އެހެންނަމަވެސް، ފައިސާގެ ނިޝާންތައް ފަރުމާކޮށް ކަނޑައެޅުމަކީ އެ ގައުމެއްގެ ކަމާބެހޭ ރަސްމީ އިދާރާތަކުގެ ޒިންމާއެކެވެ.
Ads by MACL
