ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނިމިދިޔަ ސަރުކާރުން ރާއްޖެ ދަރުވާލި 150 މިލިއަން ޑޮލަރު މި ސަރުކާރުން ދައްކާ ޚަލާސްކޮށްފި

ނިމިދިޔަ ސަރުކާރުން ރާއްޖެ ދަރުވާލި 150 މިލިއަން ޑޮލަރު މި ސަރުކާރުން ދައްކާ ޚަލާސްކޮށްފި

ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ކުރީ ސަރުކާރުން ނަގާފައިވާ ލޯނެއް ސަރުކާރުން އެއްކޮށް ދައްކައި ޚަލާސްކޮށްފިއެވެ. މިއީ ކުރީ ސަރުކާރުން 2019 ވަނަ އަހަރު ތިން ފަހަރުމަތިން ނެގި 150 މިލިޔަން ޑޮލަރުގެ ލޯނެކެވެ.

ދައުލަތުގެ ބަޖެޓު ހަމަޖެއްސުމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ، އެސްބީއައި މެދުވެރިކޮށް 2019 ވަނަ އަހަރު މި ލޯނު ނަގާފައިވަނީ 3 ބަޔަކަށް ބަހާލައިގެން 50 މިލިޔަން ޑޮލަރުގެ ޓްރެޝަރީ ބިލްގެ ގޮތުގައިއެވެ. އޭރު މި ދަރަނިތައް ނަގާފައިވަނީ 2019 ވަނަ އަހަރު މާރިޗު މަހު 17 ވަނަ ދުވަހު 50 މިލިޔަން ޑޮލަރު، އެއަހަރު ޖޫން މަހުގެ 26 ވަނަ ދުވަހު 17 މިލިޔަން ޑޮލަރު އަދި އޮކްޓޫބަރު 1 ވަނަ ދުވަހު 50 މިލިޔަން ޑޮލަރެވެ. މި ދަރަނި އަނބުރާ ދެއްކުމުގެ މުއްދަތު 2020 ވަނަ އަހަރުން ފެށިގެން 2023 އާއި ހަމައަށް އޭރުގެ ސަރުކާރުން އައީ ފަސްކުރަމުން ކަމަށް މިއަހަރު މޭއި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ.

"މި ސަރުކާރު ފެށިގެން، މީގެތެރެއިން އެއް 50 މިލިއަން އަޅުގަނޑުމެން ސެޓްލްކުރިން، 7 ޖަނަވަރީ 2024ގައި. ސެޓްލްކޮށްފައި، ބާކީ 100 މިލިއަން މިއައީ، އިންޑިއާ ސަރުކާރުގައި ދަންނަވައިގެން ރޯލްއޯވަރ ކުރަމުން. އައިސް، މިއަދު ޕޭކުރަން އޮތް، މީގެތެރެއިން 50 މިލިއަން، މިއަދު މި ޕޭކުރީ. އެހެންވީމާ، ބާކީ އޮންނާނީ، އިތުރު 50. އެއީ، 17 ސެޕްޓެންބަރުގައި ޕޭކުރަން ޖެހޭނީ. އިރާދަކުރެއްވިއްޔާ، 17 ސެޕްޓެންބަރުގައި އެ 50ވެސް އަޅުގަނޑުމެން ޕޭކޮށް ނިންމާނަން. އެހެންވީމާ، މިދިޔަ ސަރުކާރުން ރައްޔިތުން ބޮލުގައި އެޅުވި ދަރަނި، 150 މިލިއަންގެ ދަންތުރައިން، އަޅުގަނޑުމެން ރައްޔިތުން ސަލާމަތްކޮށް މި ނިންމުނީ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މޭ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.

ސަރުކާރުން އަދާކުރަން ޖެހޭ ދަރަނިތައް ދަރަނި ދެއްކުމުގެ ބޭނުމަށް އިތުރު ދަރަންޏެއް ނެގުމަކާއި ނުލާ ދަނީ ދައްކާ ޚަލާސްކުރަމުންނެވެ. ސަރުކާރުން މިހާތަނަށް ދަރަނި ދެއްކުމަށް ޖުމްލަ 1.3 ބިލިޔަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ޙަސަން ޒަރީރު ވަނީ ވިދާޅުވެފައެވެ. މީގެ ތެރޭގައި މިއަހަރުގެ އެޕްރީލް މަހު 2 ވަނަ ދުވަހު ކުރީގެ ސަރުކާރުން ނަގާފައިވާ 500 މިލިޔަން ޑޮލަރުގެ ސުކޫކް ހިމެނެއެވެ. މިއީ ރާއްޖެއިން މިއީ ރާއްޖެއިން ނަގާފައިވާ ދަރަނިތަކުގެ ތެރެއިން އެންމެ ބޮޑު އަދަދެއްގެ ދަރަނި އެއްފަހަރާ ދައްކިފަހަރު ކަން ސަރުކާރުން ފާހަގަކުރެއެވެ.

ސަރުކާރުން ވިދާޅުވީ މި ސަރުކާރުން މިހާތަނަށް ދައްކާފައިވާ ދަރަނީގެ އަދަދު ނިމިދިޔަ 2 ސަރުކާރަށްވުރެ އިތުރު ކަމަށެވެ. އެގޮތުން ރައީސް ޔަމީންގެ ސަރުކާރުގައި ފުރަތަމަ 2 އަހަރާއި ބައިގެ ތެރޭގައި އަނބުރާ ދައްކާފައިވަނީ 191 މިލިޔަން ޑޮލަރެވެ. އަދި މިދިޔަ ރައީސް ސާލިހުގެ ސަރުކާރުގައި މިމުއްދަތުގައި ދައްކާފައިވަނީ 428 މިލިޔަން ޑޮލަރު ކަމަށް ސަރުކާރުން ވިދާޅުވިއެވެ.

ސަރުކާރުން ވަނީ ދަރަނިތައް އަނބުރާ ދެއްކުމަށް ރިޒާވުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައި ބޭނުން ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.