2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވުމަށް ޕީއެންސީގެ މަތީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި
2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް އެރުވުމަށް އެދި ޕީއެންސީގެ މަތީ މަޖިލީހަށް ޚާއްޞަ ޤަރާރެއް މިއަދު ހުށަހަޅައިފިއެވެ.
ޕީއެންސީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ރިޔާސަތު ބެލެހެއްޓެވި މި ޖަލްސާގައި މި ޤަރާރު ހުށަހެޅުއްވީ އެ ޕާޓީގެ އާންމު މެންބަރެއް ކަމަށްވާ ޢަބްދުﷲ އިބްރާހީމެވެ.
މި ޤަރާރު ހުށަހަޅުއްވަމުން، ރައީސް ޑރ. މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ފަހުން ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކަށް އަލިއަޅުވާލާފައިވެއެވެ. އެގޮތުން، ރާއްޖޭގެ ފަސްގަނޑުގައި ބޭރުގެ އެއްވެސް އަސްކަރީ ބާރެއް ނެތްކަން ކަށަވަރުކޮށްދެއްވުމާއި، ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުކުރެއްވުން ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން، މާލީ ދަތިކަމާއި ދަރަނީގެ މައްސަލަތަކުން އަރައިގަތުމަށް ރައްޔިތުންނަށް ދަތިނުވާނޭހެން ހަރުދަނާ އިޞްލާޙީ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަންވެސް ބަޔާންކޮށްފައިވެއެވެ.
Ads by BMLއިޤްތިޞާދު ސިންދަފާތުކުރުމަށާއި، 'ޑިޖިޓަލް މޯލްޑިވްސް 2.0' ފަދަ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ތަޢާރަފްކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅުތަކަކީވެސް މި ޤަރާރުގައި ޚާއްޞަ އިސްކަމެއް ދީގެން ފާހަގަކޮށްފައިވާ ކަންކަމެވެ. އަދި ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމަށް ރަސްމާލެ ފަދަ ބިޔަ މަޝްރޫޢުތައް ހިންގެވުމުގެ އިތުރުން، ބައިނަލްއަޤްވާމީ މައިދާނުގައި އަނިޔާލިބެމުންދާ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި އެމަނިކުފާނު ކުރައްވާ ވަކާލާތުތަކަށްވެސް ތަޢުރީފުކޮށްފައިވެއެވެ.
ޤަރާރުގައި ބަޔާންކޮށްފައިވާ ގޮތުން، ޕީއެންސީގެ އަސާސީ ޤަވާއިދުގެ 88 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުންނެވި ޕާޓީގެ މެންބަރަކު ދެވަނަ ދައުރަކަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާނަމަ، އިތުރު ޕްރައިމަރީއަކާ ނުލައި އެ ބޭފުޅަކަށް ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާނެއެވެ.
މި ޤަރާރު ނިންމާލަމުން ބުނެފައިވަނީ، ދިވެހި ޤައުމާއި ރައްޔިތުންގެ ދުރު މުސްތަޤުބަލަށާއި ލާބައަށްޓަކައި، ރައީސް ޑރ. މުޢިއްޒަށް ދެވަނަ ދައުރެއް ދިނުމަކީ ޤައުމީ ވާޖިބެއް ކަމުގައި ދެކޭ ކަމަށެވެ. އެހެންކަމުން، ޤައުމަށް ގެންނަވަމުންދާ ތަރައްޤީއާއި ހަމަޖެހުން މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި، 2028 ގެ ރިޔާސީ އިންތިޚާބުގައި ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް އެމަނިކުފާނަށް ރަސްމީކޮށް ދެންނެވުމުގެ ގޮތުން މި ޤަރާރު ފާސްކޮށްދިނުމަށް ޕީއެންސީގެ މަތީ މަޖިލީހުގައި ވަނީ އެދިފައެވެ.
Ads by MACL
