ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

2028 ގެ ރިޔާސީ ޓިކެޓް ރައީސް މުއިއްޒަށް ދިނުމަށް ޕީއެންސީގެ މަތީ މަޖިލީހުން ފާސްކޮށްފި

2028 ގެ ރިޔާސީ ޓިކެޓް ރައީސް މުއިއްޒަށް ދިނުމަށް ޕީއެންސީގެ މަތީ މަޖިލީހުން ފާސްކޮށްފި

2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓެއްގެ ގޮތުގައި، ރިޔާސީ ޕްރައިމަރީއަކާ ނުލައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް އެރުވުމަށް ޕީއެންސީގެ މަތީ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ޕީއެންސީގެ މަތީ މަޖިލީހުގެ ޖަލްސާއަށް މި ގަރާރު ހުށަހެޅުއްވީ އެ ޕާޓީގެ އާންމު މެންބަރެއް ކަމަށްވާ އަބްދުﷲ އިބްރާހީމެވެ. މި ގަރާރަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ރައީސް މުއިއްޒަށް ރަސްމީކޮށް ދެންނެވުމުގެ ގޮތުން ހުށަހެޅުއްވި ގަރާރެކެވެ.

މި ގަރާރު ހުށަހެޅި ޖަލްސާ އޮތީ ޕީއެންސީގެ މަތީ މަޖިލީހުގެ ބައްދަލުވުމުގައެވެ. ގަރާރު ހުށަހަޅުއްވަމުން އަބްދުﷲ އިބްރާހީމް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރައްވައި، ރާއްޖޭގެ ފަސްގަނޑުގައި ބޭރުގެ އެއްވެސް އަސްކަރީ ބާރެއް ނެތްކަން ކަށަވަރުކޮށްދެއްވާފައިވާ ކަން ފާހަގަކުރައްވާފައެވެ.

އޭގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކުރެއްވުމާއި، ގައުމުގެ މާލީ ދަތިކަމާއި ދަރަނީގެ މައްސަލަތަކަށް ރައްޔިތުންނަށް ދަތިނުވާނޭހެން ހަރުދަނާ އިސްލާހީ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަންވެސް ގަރާރުގައި ފާހަގަކޮށްފައިވެއެވެ. އިގްތިސާދު ސިންދަފާތުކުރުމާއި، "ޑިޖިޓަލް މޯލްޑިވްސް 2.0" ފަދަ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ތައާރަފްކުރެއްވުމާއި، ބޯހިޔާވަހިކަމުގެ ބޮޑު މައްސަލަ ހައްލުކުރުމަށް ރަސްމާލެ ފަދަ ބިޔަ މަޝްރޫއުތައް ހިންގެވުންވެސް ގަރާރުގައި ހިމަނާފައިވެއެވެ.

ބައިނަލްއަގްވާމީ މައިދާނުގައި އަނިޔާ ލިބެމުންދާ ފަލަސްއީނުގެ ރައްޔިތުންގެ ހައްގުގައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ ވަކާލާތުތައްވެސް މި ގަރާރުގައި ވަނީ ފާހަގަކުރައްވާފައެވެ. ގަރާރުގައިވާ ގޮތުން ޕީއެންސީގެ އަސާސީ ގަވާއިދުގެ 88 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވި ޕާޓީގެ މެންބަރަކު ދެވަނަ ދައުރަކަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާނަމަ، ޕްރައިމަރީއަކާ ނުލައި ޓިކެޓް ލިބިވަޑައިގަންނަވާނެއެވެ.

ދިވެހި ގައުމާއި އެންމެހާ ރައްޔިތުންގެ ދުރުމުސްތަގުބަލަށާއި ލާބަ އާއި މަންފާއަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ރިޔާސީ ދެވަނަ ދައުރެއް ދިނުމަކީ ގައުމީ ވާޖިބެއް ކަމުގައި ދެކޭ ކަމަށް ގަރާރުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް ޕާޓީގެ މަތީ މަޖިލީހުން ރަސްމީކޮށް ދެންނެވުމުގެ ގޮތުން މި ގަރާރު ފާސްކޮށްދިނުމަށް މެންބަރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

މި ގަރާރުގެ ބަހުސް ވަގުތުގައި ވާހަކަދެއްކެވި ހުރިހާ މެންބަރުންވެސް ވަނީ ގަރާރަށް ފުރިހަމައަށް ތާއީދުކުރައްވާފައެވެ. ބަހުސްގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ، ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ދޭން ޖެހޭ މައިގަނޑު ސަބަބަކީ މި ގައުމު މިނިވަންކަންމަތީ ބޭއްވުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅުގެ ސަބަބުން ކަމަށެވެ.

ގަރާރުގެ ބަހުސް ނިންމައި ވޯޓަށް އެހުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ހޯދައިދިނުމަކީ މަތީ މަޖިލީހުގެ އެންމެ މުހިންމު މަސައްކަތް ކަމަށެވެ.

މި ގަރާރަށް ވޯޓަށް އަހާފައިވަނީ މަތީ މަޖިލީހުގެ މެންބަރުން އަތް ނަގައިގެންނެވެ. މިއަދުގެ ޖަލްސާގައި މި ގަރާރު ފާސްވެގެން ދިޔައީ ހާޒިރުވެ ތިއްބެވި 1119 މެންބަރުންގެ އިއްތިފާގުންނެވެ.