ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޔާމީންގެ ދައުވާތަކުގެ ޝަރީއަތްތައް މި މަހުގެ ފަހުކޮޅު ބޭއްވުމަށް ތާވަލުކޮށްފި

ޔާމީންގެ ދައުވާތަކުގެ ޝަރީއަތްތައް މި މަހުގެ ފަހުކޮޅު ބޭއްވުމަށް ތާވަލުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ވ. އާރަށާއި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މައްސަލަތަކުގެ ޝަރީއަތުގެ އަޑުއެހުންތައް މި މަހުގެ ފަހުކޮޅު ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ.

މި ދެ މައްސަލައިގެ އަޑުއެހުންތައް ނުބޭއްވި މަސްތަކެއް ވަނީ ވެފައެވެ. ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަތަކުގެ އަޑުއެހުންތައް ބާއްވާނެ ތާރީޚުތައް މިހާރު ކަނޑައަޅާފައެވެ.

ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ގޯސްތަކެއް ހައްދަވާފައިވާ ކަމަށް ތުހުމަތުކޮށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާ ގުޅޭ އަޑުއެހުން ތާވަލުކޮށްފައިވަނީ މި މަހުގެ ތޭވީސް ވަނަ ދުވަހަށެވެ. އެ މައްސަލައިގެ އަޑުއެހުންތައް މީގެ ކުރިން އޮތީ މެދުކެނޑިފައެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތްވެފައިވާ ކަމަށް ތުހުމަތުކޮށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ އަޑުއެހުން އޮންނާނީ މި މަހުގެ ނަވާވީސް ވަނަ ދުވަހުއެވެ. މި މައްސަލައިގެ އަޑުއެހުންތައްވެސް ކުރިއަށް ނުގޮސް ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

އާރަށް މައްސަލާގައި ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ. އެ މައްސަލާގައި ދަށު ކޯޓުން ކުރިން އިއްވި އެގާރަ އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ވަނީ ބާތިލުކޮށްފައެވެ.

ހައިކޯޓުން ހުކުމް ބާތިލުކުރުމަށްފަހު އަމުރުކުރީ މައްސަލަ އަލުން ކްރިމިނަލް ކޯޓުން ބެލުމަށެވެ. އެއާއެކު ކޯޓުގައި މައްސަލައިގެ ޝަރީއަތް އަލުން ކުރިއަށް ގެންދިއުމުގެ ކަންކަން މިހާރު ވަނީ ރޭވިފައެވެ.