މާޒިޔާގެ އޮފިޝަލް ނިއުގެ ކޯޗަށް ދިން ހަމަލާ ތަހުގީގުކޮށްދެއްވުމަށް ނިއުއިން އެފްއޭއެމަށް ހުށައަޅައިފި
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ނިއުރޭޑިއެންޓް ކުޅުނު މެޗުގެ ތެރެއިން މާޒިޔާގެ އޮފިޝަލަކު ނިއުގެ ކޯޗަށް ހަމަލާ ދިނުމުން އެކަން ތަހުގީގުކޮށްދެއްވުމަށް ނިއުއިން އެފްއޭއެމަށް ހުށައަޅައިފިއެވެ.
ރޭ ކުޅުނު މެޗަކީ ލީގަށް ނިއުރޭޑިއަންޓް ޕްރޮމޯޓްވި ފަހުން މާޒިޔާ އަތުން މޮޅުވި ފުރަތަމަ މެޗެވެ.
މި ދެޓީމް ވެގެން ގޮސްފައިވަނީ ފަހުގެ ތާރީހެއްގައި އެންމެ ވާދަވެރި ދެ ޓީމްގެ ގޮތުގައެވެ.
Ads by BMLމެޗުގެ ފަހު ހާފުގައި ހިނގި ހަމަ ނުޖެހުމަކާ ގުޅިގެން މާޒިޔާގެ ހުސެއިން ޝިފާޒް (ޑުންގާ) އަދި ނިއުގެ އިބްރާހީމް މައިސާން އަށް ރަތް ކާޑު ދައްކުމާއި ގުޅިގެން ފަހު 15 ވަރަކަށް މިނިޓް ދެ ޓީމުން ކުޅުނީ 10 ކުޅުންތެރިންނާއެކުގައެވެ.
އަދި މާޒިޔާގެ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒޭރަށްވެސް ވަނީ ރަތް ކާޑު ދައްކާފައެވެ.
މި މެޗުގައި ހަމަނުޖެހުން ހިނގަން މެދުވެރިވީ، މެޗުގެ 68ވަނަ މިނެޓުގައި މާޒިޔާގެ އަބްދުﷲ ލޫތަށް، ނިއުގެ އިބްރާޙީމް މައިސާން ކުރި ފައުލަކާ ގުޅިގެން ރެފްރީ ކުޅުން މެދުކަނޑާލަން ކަށިގަނޑު ފުމުނު ފަހުން، ނިއުގެ އަބްދުﷲ ބިލިޓީ ފޮނުވާލި ބޯޅައެއް ލޫތުގެ ގައިގައި ޖެހުނު ހިސާބުންނެވެ.
މިއާއިއެކު ބިލިޓީއާއި ލޫތު ކުރިމަތިލާން ދިޔަވަގުތު ނިއުގެ އީތަން އިބްރާޙީމް ޒަކީ، ލޫތުގެ ގައިގައި އަތްއަޅައި ކޮށްޕާލުމުން، މާޒިޔާގެ ޙަސަން ޝިފާޒް ވެސް އެ ހަމަނުޖެހުމުގައި ބައިވެރިވިއެވެ. އަދި ފަހުން އެހެން ކުޅުންތެރިންނާއި ދެ ޓީމުގެ އޮފިޝަލުން ވެސް، ހަމަނުޖެހުން ހިންގުމުގައި ވެސް އަދި ހުއްޓުވުމުގައި ވެސް ބައިވެރިވެފައިވެއެވެ.
ދައުރުވަމުންދާ ބައެއް ވީޑިއޯތަކުން، މި ހަމަނުޖެހުންތަކުގެ ތެރެއިން މާޒިޔާގެ އެސިސްޓެންޓް ކޯޗު ސުޒެއިރު، ނިއުގެ އެސިސްޓަންޓް ކޯޗު ލޫސިއާނޯގެ މޫނު މަތީގައި ޖަހާ މަންޒަރު ފެނެއެވެ.
މިކަމާ ގުޅިގެން ނިއުއިން ނެރުނު ބަޔާނެއްގައި ބުނީ، މި ހަމަނުޖެހުން އެ ކުލަބުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މި ހަމަނުޖެހުންތަކުގެ ތެރެއިން ލޫސިއާނޯއަށް ސުޒެއިރު ދިން ހަމަލާއާ ގުޅިގެން އޭނާއަށް އަނިޔާވެފައިވާކަން ވެސް އެ ބަޔާނުގައި ފާޙަގަކޮށްފައިވެއެވެ.
ފުޓުބޯޅައިގައި "ފިޒިކަލް އެގްރެޝަން" އަށް އެއްވެސް ޖާގައެއް އޮވެގެން ނުވާނެ ކަމަށާއި، މިފަދަ އަމަލުތަކުގެ ސަބަބުން ފުޓުބޯޅައިގެ އެންމެ އަސާސީ، އެންމެ މުހިންމު އުސޫލުތަކާއި ހަމަތަކާ ޚިލާފުވެ، ސަލާމަތްތެރިކަން ގެއްލިގެންދާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން، ދަނޑުމަތީގައި ކުޅުންތެރިންނާއި އޮފިޝަލުންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި، ސުޒެއިރު ހިންގި އަމަލާ ގުޅިގެން އޭނާއަށް ދެވެން އޮތް އެންމެ ހަރުކަށި އަދަބެއް، ދިވެހި ފުޓުބޯޅައިގެ ބަލަދުވެރި ފަރާތް، އެފްއޭއެމުން ދޭނެކަމަށް އުއްމީދުކުރާކަމަށް ނިއުގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ވައިރަލް ވެފައިވާ މެޗުގެ ވީޑިއޯ އިން ފެންނަ ގޮތުގައި ހަމަނުޖެހުމުގެ ތެރެއިން މާޒިޔާގެ އޮފިޝަލަކު ނިއުގެ ކޯޗު މޫނު މަތީގައި ޖަހާތަން ސާފުކޮށްފެނެއެވެ. މި މައްސަލަ ތަހުގީގަށް އެފްއޭމަށް ނިއުއިން ހުށައަޅާފައިވާއިރު އެފްއޭއެމުން އަދި މިމައްސަލައިގައި ވަކި އެއްޗެއް ނުބުނެއެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ މާޒިޔާއިންނެވެ. މެޗުގެ 16 ވަނަ މިނިޓްގައި މާޒިޔާއަށް ލީޑު ނަގައިދިނީ އިބްރާހީމް އައިސަމް (އައިކޮ) އެވެ.
އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިއުއިން ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިއީ މާޒިޔާގެ އޭރިއާ ތެރެއިން މުޅިން ހުސްކޮށްލައިފައި ޑޯރީ ރާއިފްއަށް ދިން ބޯޅައެއް ގޯލުގެ ދުރުކަނަށް އަމާޒުކޮށްލައިގެން ޖެހި ލަނޑެކެވެ.
މެޗުގެ 62 ވަނަ މިނިޓްގައި މާޒިޔާއިން ވަނީ ދެވަނަ ފަހަރަށް ލީޑު ނަގައިފައެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އައިސަމްއެވެ.
އެކަމަކު މެޗުގެ 68 ވަނަ މިނިޓްގައި ބަދަލަކަށް ކުޅެން ނުކުތް އަލީ ފާސިރު (ސެންޓޭ) ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މެޗުން ނިއު މޮޅުކޮށްދިން ގޯލު މުހައްމަދު ޔަޒްދާން ހުސެއިން ނަގައިދިން ހުރަހަކުން މުޅިން ހުސްކޮށް އަރައި ކާމިޔާބުކޮށްދިނީ ޑޯރީއެވެ. މިއީ މިސީޒަންގައި ޑޯރީ 11 ވަނަ ލަނޑެވެ. އަދި ލީގުގައި ޖެހި 3 ވަނަ ލަނޑެވެ.
މިއީ ލީގުގައި ނިއުއިން ހޯދި ދެވަނަ މޮޅެވެ. ލީގުގެ ފުރަތަމަ މެޗުގައި ނިއުއިން ވަނީ ގައްދޫ ރެކްރިއޭޝަން ކުލަބް 2-0 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ.
Ads by MACL
