ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

2028 ރިޔާސީ އިންތިހާބުގެ ޕީއެންސީ ކެންޑިޑޭޓަކީ ރައީސް މުއިއްޒު، ރަސްމީ ޓިކެޓް އަރުވައިފި!

2028 ރިޔާސީ އިންތިހާބުގެ ޕީއެންސީ ކެންޑިޑޭޓަކީ ރައީސް މުއިއްޒު، ރަސްމީ ޓިކެޓް އަރުވައިފި!

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ޕީއެންސީ ޓިކެޓް ރައީސް ޑރ. މުއިއްޒަށް އަރުވައިފި
ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރައްވާނެ ރިޔާސީ ޓިކެޓް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް މިރޭ ރަސްމީކޮށް އަރުވައިފިއެވެ.
ރައީސް ޑރ. މުއިއްޒަށް މި ޓިކެޓް އަރުވާފައިވަނީ، ޕީއެންސީގެ މަތީ މަޖިލީހުގެ ނިންމުމާ އެއްގޮތަށް ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށްދާ އެ ޕާޓީގެ ހާއްސަ ޖަލްސާއެއްގައެވެ. އެއް ހާހަށްވުރެ ގިނަ މަންދޫބުން ހާޒިރުވެ ތިބި މި ޖަލްސާގައި، ރައީސް ޑރ. މުއިއްޒަށް ރިޔާސީ ޓިކެޓް ހަވާލުކޮށްދެއްވީ ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
މިއީ ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް ޑރ. މުއިއްޒަށް އެރުވި ދެވަނަ ފަހަރެވެ. މީގެކުރިން އެމަނިކުފާނަށް މި ޓިކެޓް އެންމެ ފުރަތަމަ އެރުވީ އޮގަސްޓް 2023 ގައެވެ. އެ ފަހަރު ބޭއްވުނު ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުއިއްޒު ވާދަކުރައްވައި، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ވަނީ ބޮޑު ތަފާތަކުން ކުރިހޯއްދަވައި އިންތިހާބު ކާމިޔާބު ކުރައްވާފައެވެ.