ރައީސް ޑރ. މުއިއްޒަކީ އިގްތިސާދީ މާހިރެއް, ނަތީޖާ އެބަ ނެރެވޭ: އަބްދުއްރަހީމް
އިގްތިސާދީ މާހިރުންނަކީ ނަތީޖާ ނެރެދޭ މީހުން ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒަކީ އިގްތިސާދީ މާހިރެއް ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުން އޭރު ބުނަމުންދިޔައީ ތިން މަސް ތެރޭގައި ގައުމު ބަނގުރޫޓުވެގެން ވެރިކަން ނުކުރެވިގެން ދޫކޮށްލާފައި ދާންޖެހޭނެ ކަމަށެވެ. ނަމަވެސް އެއްފަހަރާ ގިނަ އަދަދެއްގެ ފައިސާ ދައްކަވާފައި އަދި އިއްޔެ ވެސް އިތުރު ފަންސާސް މިލިއަން ޑޮލަރުގެ ދަރަނި ދައްކަވައި ގައުމު ދަރަނިން ސަލާމަތްކޮށްދެއްވާފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، އިގްތިސާދީ މާހިރުންނަކީ ހަމައެކަނި އަނގައިން ވާހަކަ ދައްކައިގެން ނަތީޖާ ނެރޭ ބަޔެއް ނޫން ކަމަށެވެ. އަދި އިގްތިސާދީ މާހިރުންނަކީ އެ މީހާ ކުރާ މަސައްކަތުން އެހެން މީހުންނަށް ގަބޫލުކުރެވޭ ވަރުގެ ހަގީގީ ނަތީޖާ ނެރެދޭ މީހުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
Ads by BMLގޭގައި ސިޓިންރޫމުގައި ހަމަޖެހިލައިގެން ތިބެ އެހެން މީހުންނަށް ފާޑުކިޔަމުން ތިމާމީ އިގްތިސާދީ މާހިރެކޭ ބުނުމުން އެކަން ގަބޫލުނުކުރެވޭނެ ކަމަށް ވިދާޅުވެ، ބައެއް ފަރާތްތަކަށް އޭނާ ފާޑުވިދާޅުވިއެވެ. އެފަދަ ވާހަކަތަކަށް ސަމާލުކަން ދިނުމުގެ ބަދަލުގައި، އިގްތިސާދީ ވިސްނުމާއި ތަޖުރިބާގެ އަލީގައި ކަންކަން ކުރައްވައި އަމަލީގޮތުން ނަތީޖާ ދައްކަވާ ބޭފުޅުންނަކީ ހަގީގީ މާހިރުން ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮންގްރެސް ނިންމާލަނީ ފަހުރުވެރި ކާމިޔާބީއަކާއެކު ކަމަށް ވިދާޅުވަމުން، ކޮންގްރެސްގެ ނިމުމަކީ އާ ފެށުމެއް ކަމަށް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ. އެގޮތުން ކޮންގްރެސް ނިމުމާއެކު ރަސްމީކޮށް ފެށިގެންދާނީ ޕީއެންސީގެ ކުރިއަށް އޮތް ރިޔާސީ ކެމްޕެއިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
Ads by MACL
