ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަމީނީމަގުގައި ތާރުއެޅުމުގެ މަސައްކަތް ފަށައިފި

އަމީނީމަގުގައި ތާރުއެޅުމުގެ މަސައްކަތް ފަށައިފި

އަމީނީމަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އެ މަގުގެ ފުރަތަމަ ސެގްމެންޓުގައި ތާރުއެޅުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން މަގު މަރާމާތު ކުރުމުގެ އިތުރުން ބަސް ހުއްޓިތައް ހިމެނޭ ސަރަޙައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

އަމީނީމަގު މަރާމާތު ކުރުމުގެ ފުރަތަމަ ސެގްމެންޓުގައި ހިމެނެނީ ދިވެހިރާއްޖޭގެ އަޑުގެ ކުރިމަތިން އޮންނަ އިއްޒުއްދީން މަގާ ހިސާބުން ފެށިގެން، ދަރުމަވަންތަ ހޮސްޕިޓަލު ކައިރީ އޮންނަ ޕާކާ ހަމައަށް އޮންނަ ސަރަޙައްދެވެ.

މިހާރު މަސައްކަތް ކުރިއަށްދާ ސަރަޙައްދުގައި ތާރުއެޅުމުގެ މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލުމަށްފަހު، ދެން ކުރިއަށްދާނީ ދެވަނަ ސެގްމެންޓް ކަމަށްވާ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ޣިޔާސުއްދީން ސްކޫލާ ހަމައަށް އޮންނަ ސަރަޙައްދުގެ މަސައްކަތް ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. އަދި މި މަސައްކަތްތައް އަންނަ ނޮވެންބަރު މަހުގެ ތެރޭގައި މުޅިން ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.

މި މަޝްރޫޢުގެ ދަށުން އަމީނީ މަގު އަލުން މަރާމާތު ކުރުމުގެ އިތުރުން، ބޮޑުތަކުރުފާނު މަގުގައި ކުރިން ތާރުއަޅާފައިވާ ސަރަޙައްދުތަކުން ހަލާކުވެފައި ހުރި ބައިތައް މަރާމާތު ކުރުމަށްވެސް ވަނީ ހަމަޖެހިފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތުދެއެވެ.