ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގިނަ އަދަދެއްގެ ޑޮލަރު ބޭރު ކުރަނިކޮށް ބިދޭސީންތަކެއް ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ ޑޮލަރު ބޭރު ކުރަނިކޮށް ބިދޭސީންތަކެއް ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގިނަ އަދަދެއްގެ ބޭރު ފައިސާއާއެކު ބަންގްލަދޭޝްގެ 6 މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތައް ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އަތުލައިގަތް ބަޔެކެވެ.

ފުލުހުން ބުނީ މިކަމަށް ހާއްސަކުރެވިފައިވާ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި، މި މީހުން ހުއްޓުވާފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބަންގްލަދޭޝަށް ފުރަން ގޮސް ތިއްބައި ކަމަށެވެ. އަދި އެ މީހުންގެ އަތުން ފެނުނު ގިނަ އަދަދެއްގެ ބޭރު ފައިސާ ތަހުގީގުގެ ބޭނުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ހިފެހެއްޓުނު ފައިސާގެ ތެރޭގައި 174,161 ޔޫއެސް ޑޮލަރާއި، 56,760 ޔޫރޯ އަދި 1,815 ސްޓަރލިންގ ޕައުންޑް ހިމެނޭހެން ޖުމުލަ 18 ގައުމެއްގެ ފައިސާ ހިމެނެ އެވެ. އއަދި މި ފައިސާތަކުގެ ޖުމުލަ އަގު ގާތްގަނޑަކަށް 3,861,415.29 ރުފިޔާ (ތިން މިލިއަން އަށްލައްކަ ފަސްދޮޅަސް އެއްހާސް ހަތަރުސަތޭކަ ފަނަރަ ރުފިޔާ އޮނަތިރީސް ލާރި) އަށް އަރާ ކަމަށް ފުލުހުން ބުންޏެވެ.

މިހާރު އަމަލުކުރަމުންދާ ބޭރު ފައިސާއާ ބެހޭ ޤާނޫނުގެ ދަށުން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާއިރު، އިދާރާތައް ގުޅިގެން އަންނަނީ ހާއްސާ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެފަދަ މައްސަލަތަކުގައި މިހާތަނަށް ގިނައިން ހައްޔަރުކޮށްފައިވަނީވެސް ބޭރު މީހުންނެވެ.