އަމީނީމަގުގެ ފުރަތަމަ ސެގްމަންޓްގައި ތާރުއެޅުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
މާލޭގެ އަމީނީމަގު މަރާމާތުކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އެ މަގުގެ ސެގްމަންޓް 1 އާއި ހަމައަށް ތާރުއެޅުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިހާރު ވަނީ ފަށައިފައެވެ.
މި މަޝްރޫޢުގެ ދަށުން ކުރިއަށްދާ މަސައްކަތްތަކާ ގުޅޭގޮތުން އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، ސެގްމަންޓް 1 ގައި ތާރުއެޅުމުގެ މަސައްކަތް ފެށުމުގެ ކުރިން އެ ސަރަހައްދުގައި އަޅަންޖެހޭ އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) ފަށަލަ ފަތުރައި، ޕްރައިމް ކޯޓު ކޯޓިންގ ޖެހުމުގެ މަސައްކަތްތައް ވަނީ ފުރިހަމަކޮށްފައެވެ.
މާލޭގެ ދުއްވާ ތަކެއްޗާއި މަގުބޭނުންކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ސަބަބުން، އަމީނީމަގުގެ ދުއްވާސަރަހައްދު ރަނގަޅުވެ، ދުއްވާ ފަރާތްތަކަށާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ކުރިމަތިވަމުންދިޔަ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ޤަބޫލުކުރެއެވެ.
Ads by BMLއަމީނީމަގު މަރާމާތުކުރުމުގެ މުޅި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރެވިފައިވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ މެންޑޭޓުގެ ދަށުން، އެ މަގުގައި ކުރިން އަޅާފައިވާ ތާރުގަނޑު ހަލާކުވެ ބޭނުންކުރަން ދަތިވުމާ ގުޅިގެންނެވެ.
އެމްޓީސީސީން ބުނެފައިވަނީ، ޤައުމީ ތަރައްޤީގެ އެކި މަޝްރޫޢުތައް ހިންގުމުގައި އެ ކުންފުނިން ދެމިއޮންނާނެ ކަމަށާއި، މި މަޝްރޫޢު ނިމުމުން މާލޭގެ ގާތްގަނޑަކަށް އެންމެ ބޮޑު އެއް މަގުގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.
Ads by MACL
