ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތޮއްޑޫގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ގަވާއިދާ ހިލާފަށް އުޅުނު 107 ބިދޭސީން ހައްޔަރުކޮށްފި

ތޮއްޑޫގައި ހިންގި ހާއްސަ އޮޕަރޭޝަން --- ފޮޓޯ: އިމިގްރޭޝަން
ތޮއްޑޫގައި ހިންގި ހާއްސަ އޮޕަރޭޝަން --- ފޮޓޯ: އިމިގްރޭޝަން

އއ. ތޮއްޑޫގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެ އާންމުންގެ ފަރާތުން ލިބުނު ގިނަ ޝަކުވާތަކަކާ ގުޅިގެން އިމިގްރޭޝަނުން އެ ރަށުގައި ހާއްސަ އޮޕަރޭޝަނެއް ހިންގައި، ގަވާއިދާ ހިލާފަށް އުޅުނު 107 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަންގެ ހާއްސަ ޓާސްކްފޯހަކުން އިސްނަގައިގެން މިއަދު ހެނދުނު 6:00 އިން ހަވީރު 4:00 އާ ދެމެދު ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި ޖުމްލަ 507 ބިދޭސީން ބަލައި ފާސްކޮށްފައިވެ އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ފުލުހުންނާއި ކަމާބެހޭ މުވައްސަސާތައް ގުޅިގެން މިފަދަ އިންސްޕެކްޝަންތައް އަންނަނީ މެދުކެނޑުމެއްނެތި ވަރަށް ބާރަށް ހިންގަމުންނެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާއިރު، މިދިޔަ ސެޕްޓެމްބަރު މަހާ ހަމައަށް އެކަނިވެސް އެފަދަ 8,600 އަށް ވުރެ ގިނަ ބިދޭސީން ރާއްޖެއިން ޑީޕޯޓްކޮށްލާފައިވާ ކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ގަވާއިދާ ހިލާފަށް ވިޔަފާރި ކުރުމާއި، ސައްހަ ވިސާއެއް ނެތި އުޅޭ ފަރާތްތައް ދެނެގަނެ ފަސޭހައިން ރިޕޯޓުކުރެވޭނެ ގޮތަށް ހާއްސަ ޕޯޓަލްތައް ގާއިމުކޮށްފައިވާއިރު، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ބަޔޯމެޓްރިކްސް މައުލޫމާތު އެއްކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފަ އެވެ.