ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕީއެންސީގެ މަތީ މަޖިލީހަކީ ރާއްޖޭގެ ތާރީޚުގައިވެސް ނުދެކޭފަދަ ބޮޑު ކާމިޔާބެއް: އަބްދުއްރަހީމް

ޕީއެންސީގެ މަތީ މަޖިލީހަކީ ރާއްޖޭގެ ތާރީޚުގައިވެސް ނުދެކޭފަދަ ބޮޑު ކާމިޔާބެއް: އަބްދުއްރަހީމް

ނިމިގެންދިޔަ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހަކީ ދިވެހިރާއްޖޭގެ ސިޔާސީ ތާރީޚުގައި މިހާތަނަށް ބޭއްވުނު އެންމެ އިންތިޒާމުތައް ފުރިހަމަ އަދި އެންމެ ކާމިޔާބު ހަރަކާތްކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީގެ މަތީ މަޖިލީސް ނިންމާލުމުގެ އުފާ ފާހަގަކުރުމަށް މާލޭ ހެދިގޮނޑުދޮށުގައި ބޭއްވި ޚާއްޞަ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވަނީ، މި ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލެވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައި އެންމެހައި މެންބަރުންނަށް އިޚްލާޞްތެރި ޝުކުރެއް އަދާކުރައްވާފައެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މި ފަހަރުގެ މަތީ މަޖިލީހަކީ އެހެން އެއްވެސް ސިޔާސީ ޕާޓީއަކަށް ގޮންޖަހާނުލެވޭނެ ފަދަ އިންތިޒާމުތަކާއެކު ކުރިއަށްދިޔަ ބައްދަލުވުމެކެވެ. އަދި މި ބޮޑު ކާމިޔާބީގެ އަޞްލަކީ ފާއިތުވި ދެ މަހެއްހާ ދުވަހު ޕާޓީގެ މެންބަރުންނާއި ސްޓިއަރިން ކޮމެޓީގެ ބައިވެރިން ރޭގަނޑާއި ދުވާލު ކުރެއްވި ވަފާތެރި މަސައްކަތް ކަމަށްވެސް ވިދާޅުވިއެވެ.

އަދި މި ކޮންގްރެސްއިން ލިބިގެންދިޔަ މުހިންމު ފިލާވަޅުތަކާއި އާ ހިތްވަރާއެކު، އެންމެ ވަގުތުކޮޅެއްވެސް ބޭކާރުނުކޮށް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އަމާޒުހިފުމަށް ޕާޓީގެ އެންމެހައި މެންބަރުންނަށް އަބްދުއްރަހީމް ވަނީ އިލްތިމާސްކުރައްވާފައެވެ.