ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަބޫދާބީގެ އީގަލް ހިލްސް އިން ރާއްޖޭގައި 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްއެއް، މިއީ މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫޢު!

އަބޫދާބީގެ އީގަލް ހިލްސް އިން ރާއްޖޭގައި 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްއެއް، މިއީ މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫޢު!

މާލެއިން ފުރައިގެން ލޯންޗުގައި ގާތްގަނޑަކަށް 17 މިނެޓުން ދެވޭ ރަސްމާލެ ސިޓީ (ފުށިދިއްގަރު ފަޅު) ގައި "މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" ތަރައްޤީކުރުމަށް ނިންމައިފިއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުބާއީގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ އިސް ވެރިންނާއި، މަޝްހޫރު އީގަލް ހިލްސް ކުންފުނީގެ ބާނީ އަދި ޗެއާމަން މުޙައްމަދު އަލައްބާރު ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން ބައިނަލްއަޤްވާމީ ފެންވަރުގެ ހޮޓާތަކާއި ރިސޯޓުތައް، މަތީ ފަންތީގެ ބްރޭންޑެޑް ރެސިޑެންސްތައް، ފެންވަރު ރަނގަޅު މެރީނާއެއް، އަތިރިމަތީ ހިނގާބިނގާވެ އުޅޭނެ ހިތްގައިމު ސަރަޙައްދުތައް، ކެފޭ ރެސްޓޯރެންޓްތައް، ވިޔަފާރި މަރުކަޒުތައް އަދި މުނިފޫހިފިލުވުމާއި ދުޅަހެޔޮކަމުގެ ޚިދުމަތްދޭ ތަންތަން ޤާއިމުކުރެވޭނެއެވެ.

އީގަލް ހިލްސްއިން ލަފާކުރާ ގޮތުގައި އެކި މަރުޙަލާތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ބިޔަ މަޝްރޫޢުގެ ޖުމްލަ އިންވެސްޓްމަންޓް 20 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެއެވެ.
މި މަޝްރޫޢުގެ ސަބަބުން، އޭގެ މުޅި ހަޔާތުގައި ބޭރުގެ އިންވެސްޓްމަންޓްތަކުގެ ގޮތުގައި ޖުމްލަ 30 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ޢަދަދެއް ރާއްޖެއަށް ވަންނާނެ ކަމަށް ވަނީ އަންދާޒާކުރެވިފައެވެ.

އޭގެ ތެރޭގައި ސާފު ބޭރުގެ އިންވެސްޓްމަންޓް (އެފް.ޑީ.އައި) ގެ ގޮތުގައި 18 ބިލިއަން ޑޮލަރު ހިމެނެއެވެ.

މީގެ އިތުރުން، މި މަޝްރޫޢުގެ ދަށުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން 54،000 އަށްވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ ކަމަށް ބެލެވެއެވެ. އަދި މަސައްކަތް އެއްކޮށް ނިމުމުން، އަހަރަކު އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން އެ ސަރަޙައްދަށް ޒިޔާރަތްކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން އަހަރަކު 2 ބިލިއަނަށްވުރެ ގިނަ ޑޮލަރު ޤައުމީ އިޤްތިޞާދަށް ވަންނާނެ ކަމަށް ލަފާކުރެވެއެވެ.

މި މަޝްރޫޢަށް އިންވެސްޓްކުރާ 20 ބިލިއަން ޑޮލަރަކީ އެކި ފިޔަވަހިތަކަށް ބަހާލައިގެން ޚަރަދުކުރުމަށް ހަމަޖެހިފައިވާ އަދަދެކެވެ. މިއީ އެ ކުންފުނިން އެއްފަހަރާ ދޫކުރާނެ ރައުސްމާލެއް ނޫނެވެ. މަޝްރޫޢަށް ފައިސާ ހަމަޖައްސާނެ ގޮތާއި، ތަންފީޒީ ތާވަލު، އަދި އީގަލް ހިލްސްއިން ސީދާ އިންވެސްޓްކުރާނެ ރައުސްމާލުގެ ތަފްޞީލު އަދި ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގެ އިންވެސްޓްމަންޓް ދާއިރާ ފުޅާކުރުން

ރަސްމާލެއަކީ މާލެ ސަރަޙައްދުގެ ތޮއްޖެހުން ހައްލުކުރުމަށް ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު އާބަން ޑިވެލޮޕްމަންޓް މަޝްރޫޢެވެ. ސަރުކާރުން ފުށިދިއްގަރު ފަޅު ހިއްކަމުންދަނީ ބޯހިޔާވަހިކަމާއި، ވިޔަފާރި އަދި ފަތުރުވެރިކަން އެކުލެވޭ ފުރިހަމަ ސިޓީއެއް ބިނާކުރުމުގެ މަޤްޞަދުގައެވެ.

މިއީ ރާއްޖޭގެ ތާރީޚުގައިވެސް ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫޢެވެ. އެގޮތުން 1،100 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ހިއްކުމަށް ހަމަޖެހިފައިވާއިރު، މާސްޓަރ ޕްލޭންގައި 65،000 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް ވަނީ ހިމަނާފައެވެ.

އީގަލް ހިލްސްއާއެކު ވެވުނު މި އެއްބަސްވުމަކީ، ފަތުރުވެރިކަމަށް މުޅިން ބަރޯސާވެފައިވާ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް (ޑައިވަރސިފައިކޮށް)، ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، 2025 ވަނަ އަހަރުގެ މެއި މަހު މާލޭގައި 8.8 ބިލިއަން ޑޮލަރުގެ ފައިނޭންޝަލް ސެންޓަރެއް ޤާއިމުކުރުމަށް ދުބާއީގެ އެމް.ބީ.އެސް ގްލޯބަލް އިންވެސްޓްމަންޓްސްއާއެކުވެސް ސަރުކާރުން ވަނީ ބައިވެރިވެފައެވެ.

އެމް.ބީ.އެސް ގްލޯބަލްއިން 'ދަ ނޭޝަނަލް' ނޫހަށް މަޢުލޫމާތު ދިން ގޮތުގައި، މި މަޝްރޫޢަކީ ޔޫ.އޭ.އީގެ މާލީ މަރުކަޒުތަކާ ވާދަކުރުމަށް ހިންގާ މަޝްރޫޢެއް ނޫނެވެ.

އީގަލް ހިލްސްގެ ތަޖުރިބާ އަދި މަޝްރޫޢުތައް

އީގަލް ހިލްސްއަކީ އަބޫދާބީގެ އަމިއްލަ ކުންފުންޏެކެވެ. މިއީ ދުނިޔޭގެ އެންމެ އުސް އިމާރާތް "ބުރުޖް ޚަލީފާ" އާއި "ދުބާއީ މޯލް" ތަރައްޤީކުރި އެމާރު ޕްރޮޕަޓީޒްގެ ބާނީ މުޙައްމަދު އަލައްބާރު އުފައްދަވާފައިވާ، ބައިނަލްއަޤްވާމީ ފެންވަރުގައި އަތިރިމަތީގެ ބޮޑެތި މަޝްރޫޢުތައް ހިންގުމުގެ މުއްސަނދި ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ.

މިދިޔަ އޯގަސްޓް މަހު އެ ކުންފުނިން ވަނީ އަބޫދާބީގެ ލުލޫ އައިލެންޑް 20،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން އަލުން ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައެވެ. އަދި އަލްބޭނިއާގައި 2.5 ބިލިއަން ޑޮލަރުގެ 'ދުރޭސް ޔޮޓްސް އެންޑް މެރީނާ' މަޝްރޫޢުވެސް ދަނީ ހިންގަމުންނެވެ. އެ މަޝްރޫޢުގައި 12،000 ހައުސިންގ ޔުނިޓާއި، ހޮޓާތަކާއި، ވިޔަފާރި ސަރަޙައްދުތަކުގެ އިތުރުން ސުޕަރ ޔޮޓް މެރީނާއެއް ހިމެނެއެވެ.

މީގެ އިތުރުން، ޔޫ.އޭ.އީގެ ޝާރްޖާގައި އެ ކުންފުނިން ތަރައްޤީކުރާ 1.2 ބިލިއަން ޑޮލަރުގެ 'މަރިޔަމް އައިލެންޑް' މަޝްރޫޢަކީވެސް ފާހަގަކޮށްލެވޭ ބޮޑު މަޝްރޫޢެކެވެ.