ބިޔަބޮޑު ޕްރޮޖެކްޓުން 54،000 ވަޒީފާ ނެރެވޭނެ، ރައީސް ގެންދަވަނީ ފުރުސަތުތައް ފަހިކޮށްދެއްވައި ނަތީޖާ ނެރެދެއްވަމުން: ހަމްދާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ދިވެހި ރައްޔިތުންނަށް ނުހަނު ބޮޑެތި ފުރުޞަތުތަކެއް ފަހިކޮށްދެއްވައި، ފެންނަން ހުރި ޢަމަލީ ނަތީޖާތަކެއް ނެރެދެއްވަމުން ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ މެނޭޖިން ޑިރެކްޓަރ ޙަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.
ޙަމްދާން ފާހަގަކުރެއްވި ގޮތުގައި، ބައެއް ސިޔާސީ ބޭފުޅުން ވެރިކަމަށް ވަޑައިގަތުމަށްފަހު ޢަމަލީ މައިދާނާ ދުރުގައި ތިއްބެވި ނަމަވެސް، ރައީސް ޑރ. މުޢިއްޒު ދައްކަވަމުން ގެންދަވަނީ ތަރައްޤީގެ ތަފާތު މިސާލެކެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން، ދިވެހި ސަރުކާރާއި ދުނިޔޭގެ މަޝްހޫރު އީގަލް ހިލްސް ކުންފުންޏާ ދެމެދު ވަނީ ރަސްމާލޭގައި 20 ބިލިއަން އެމެރިކާ ޑޮލަރުގެ "މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" މަޝްރޫޢު ތަރައްޤީކުރުމުގެ ތާރީޚީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި ބިޔަ މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެ މަޝްރޫޢެއްކަން ފާހަގަކުރައްވަމުން، ޙަމްދާން ވަނީ މި މަޝްރޫޢުގެ ސަބަބުން ޤައުމަށް ލިބިގެންދާނެ މުހިންމު ފައިދާތައް ތަފްޞީލުކޮށްދެއްވާފައެވެ. އެގޮތުން މި މަޝްރޫޢުގެ ސަބަބުން:
Ads by BML54،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު ދިވެހި ޒުވާނުންނަށާއި ރައްޔިތުންނަށް ތަނަވަސްވެގެންދާނެއެވެ.
މަޝްރޫޢުގެ މުއްދަތުގެ ތެރޭގައި 30 ބިލިއަން ޑޮލަރަށްވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ރާއްޖެއަށް ލިބިގެންދާނެއެވެ.
ބޭރުގެ ސާފު އިންވެސްޓްމަންޓްގެ (Foreign Direct Investment) ގޮތުގައި 18 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް އަންދާޒާކުރެވެއެވެ.
މަޝްރޫޢު އެއްކޮށް ފުރިހަމަވުމުން، މި ސަރަޙައްދަށް އަހަރަކު 1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާނެއެވެ.
މީގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއިން އަހަރަކު 2 ބިލިއަން ޑޮލަރުގެ ބޮޑު އާމްދަނީއެއް ދައުލަތަށް ލިބިގެންދާނެއެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ ތާރީޚުގައި ވެސް މިހާތަނަށް ހިންގޭ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ކަމުގައިވާއިރު، މިއީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ތަޞައްވުރުގެ ދަށުން ކުރިއަށްގެންދެވޭ މުހިންމު މަސައްކަތްޕުޅެކެވެ.
Ads by MACL
