ރަޝިޔާގެ އެންމެ ބޮޑު އަމިއްލަ އެއާލައިން "އެސްސެވަން" އިން އަންނަ މަހު ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށަނީ!
ރަޝިޔާގެ އެންމެ ބޮޑު އަމިއްލަ އެއާލައިން ކަމަށްވާ އެސްސެވަން (S7) އެއާލައިނުން ރާއްޖެއަށް ކުރާ ޝެޑިއުލް ދަތުރުތައް އަންނަ މަހުގެ 30 ވަނަ ދުވަހު ފެށުމަށް ހަމަޖެހިއްޖެއެވެ.
މިއީ ރަޝިޔާގެ ވެރިރަށް މޮސްކޯ ފިޔަވައި އެ ގައުމުގެ އެހެން ސަރަހައްދަކުން ރާއްޖެއަށް ދަތުރުތައް ފަށާ ފުރަތަމަ އެއާލައިނެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މައުލޫމާތު ދިން ގޮތުގައި، އެސްސެވަން އެއާލައިންގެ މި ޝެޑިއުލް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ރަޝިޔާގެ ނޯވޯސިބިއެސްކްއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.
Ads by BMLއަދި ހަފުތާއަކު ދެ ދުވަހު މި ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ދަތުރުތައް ކުރާނީ ކޮންމެ ހަފުތާއެއްގެ ވެސް ހޯމަ އަދި ހުކުރު ދުވަހުއެވެ. މި ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެއާބަސް އޭ320 މަރުކާގެ ބޯޓުފަހަރެވެ.
މި ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނައިރު، އެ އެއާލައިންގެ ވެބްސައިޓާއި މޮބައިލް އެޕްލިކޭޝަން އަދި ޓިކެޓު ވިއްކާ އޮފީސްތައް މެދުވެރިކޮށް މިހާރު ވަނީ ޓިކެޓު ވިއްކަން ފަށާފައެވެ.
މި ދަތުރުތަކާ ގުޅިގެން ރަޝިޔާގެ މަޝްހޫރު ޓުއާ އޮޕަރޭޓަރެއް ކަމަށްވާ ޓެޒް ޓުއާއިން ވަނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހާއްސަ ޕެކޭޖުތަކެއްވެސް ތައާރަފުކޮށްފައެވެ.
އެގޮތުން ކުރީބައިގައި ބުކިން ހަދާ ފަރާތްތަކަށް އެކޮމޮޑޭޝަނުން 50 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ޓެޒް އިން ބުނެއެވެ.
އެސްސެވަން އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް މަގުފަހިވެގެން ދިޔައީ، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ރަޝިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހުއެވެ.
މި އަހަރުގެ ފަހު ކުއާޓަރުގައި އިތުރު ހަތް އެއާލައިނަކުން ރާއްޖެއަށް އަލަށް ދަތުރުތައް ފަށާނެ ކަމަށް ވެސް ވަޒީރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ރަޝިޔާއަކީ މިހާރު ރާއްޖެއަށް ދެ ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް އެ ގައުމުން ރާއްޖެއަށް 222,796 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 14.7 އިންސައްތައެވެ.
މީގެ 34 އަހަރު ކުރިން، 1992 ވަނަ އަހަރު ހިދުމަތަށް ނުކުތް އެސްސެވަން އެއާލައިނަކީ 104 ބޯޓުގެ ފްލީޓަކާއެކު ދުނިޔޭގެ 77 މަންޒިލަކަށް ދަތުރުތައް ބާއްވަމުން އަންނަ، ރަޝިޔާގެ އޭވިއޭޝަން ދާއިރާގެ ބޮޑު އަދި ނުފޫޒުގަދަ އެއާލައިނެކެވެ.
Ads by MACL
