ވެލާނާ އެއާޕޯޓުން ދަތުރުވެރިންނަށް ޚާއްޞަ އެހީތެރިކަމާއެކު އޯގާތެރި ޚިދުމަތްތަކެއް ފޯރުކޮށްދެނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ދަތުރުކުރާ އެންމެހައި ފްލައިޓްތަކުގެ މަންޒިލަށް ވާސިލުވުމުގެ ދަތުރުގެ ކޮންމެ މަރުޙަލާއެއްގައިވެސް، ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ދަތުރުވެރިންނަށް އޯގާތެރިކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް އެއާޕޯޓުގެ ޚާއްޞަ ޚިދުމަތްތަކާ ބެހޭ ޓީމުން (ސްޕެޝަލް ސާވިސަސް ޓީމު) ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ.
އެއާޕޯޓުން ޚިދުމަތް ހޯދާ ކޮންމެ ކަސްޓަމަރަކަށްވެސް ރައްކާތެރި، ފަސޭހަ އަދި އަމާން އޮމާން ދަތުރުގެ ތަޖުރިބާއެއް ފޯރުކޮށްދިނުމަކީ އެ ޓީމުގެ އެންމެ އިސް އަމާޒެވެ. އެގޮތުން، އެއާޕޯޓަށް ވަންނަ ހިސާބުންނާއި، ޗެކްއިން ވުމާއި، އިމިގްރޭޝަން އަދި ސެކިއުރިޓީ ކްލިއަރެންސް ނިންމައި ބޯޑިން ގޭޓާ ހަމައަށް ދިއުމުގެ މުޅި ދަތުރުގައިވެސް ބޭނުންވާ ފުރިހަމަ އެހީތެރިކަން ކަށަވަރުކޮށްދެއެވެ.
ވީއައިއޭގެ ސްޕެޝަލް ސާވިސަސް ޓީމުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، ޢުމުރުން ދުވަސްވީ މީހުންނާއި، މާބަނޑު އަންހެނުންގެ އިތުރުން އެކަނި ދަތުރުކުރާ ކުޑަކުދިންނަށް ބޭނުންވާ ޚާއްޞަ އިންތިޒާމުތައް ހަމަޖައްސައިދިނުން ހިމެނެއެވެ. އަދި ވީލްޗެއާގެ ޚިދުމަތް ބޭނުންވާ މީހުންނަށް ދަތުރުގެ އެކި މަރުޙަލާތަކުގައި އެހީތެރިވެދީ، އެއާޕޯޓު ތެރޭގައި އުޅުމުގައި ދިމާވެދާނެ ދަތިތައް ނައްތާލުމަށް ޓީމުގެ މުވައްޒަފުން މުހިންމު ދައުރެއް އަދާކުރެއެވެ.
Ads by BMLވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އެއާޕޯޓުން ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ކޮންމެ ދަތުރުވެރިއަކަށްވެސް ހިތްހަމަޖެހޭ އަދި އުނދަގުލެއް ނެތް އޮމާން ދަތުރެއް ކަށަވަރުކޮށްދިނުމަށެވެ. މިފަދަ ޚާއްޞަ ޚިދުމަތްތަކުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ދިވެހި ދަތުރުވެރިންނަށް އެއާޕޯޓުގައި ހޭދަވާ ވަގުތަކީ އުފާވެރި އަދި ރައްކާތެރި ވަގުތުކޮޅަކަށް ވެގެންދެއެވެ.
Ads by MACL
