ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްއޭސީއެލްއިން އައިސާގޯ އެކްރެޑިޓޭޝަން އާކޮށް އެންހޭންސްޑް ޖީއެސްއީ ރެކޮގްނިޝަން ހާސިލުކޮށްފި

އެމްއޭސީއެލްއިން އައިސާގޯ އެކްރެޑިޓޭޝަން އާކޮށް އެންހޭންސްޑް ޖީއެސްއީ ރެކޮގްނިޝަން ހާސިލުކޮށްފި

ރައްކާތެރިކަމާއި ފެންވަރު ރަނގަޅު ޚިދުމަތްތަކުގެ އިތުރުން އޮޕަރޭޝަނަލް މާހައުލުގައި އެންމެ މަތީ މިންގަނޑުތައް ހިފެހެއްޓުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އައިއޭޓީއޭ) ގެ ސޭފްޓީ އޮޑިޓް ފޯ ގްރައުންޑް އޮޕަރޭޝަންސް (އައިސާގޯ / ISAGO) އެކްރެޑިޓޭޝަނާއި އައިއޭޓީއޭ ރަޖިސްޓްރޭޝަން ކާމިޔާބުކަމާއެކު އެމްއޭސީއެލް އިން އާކޮށްފިއެވެ.

މީގެ އިތުރުން އައިއޭޓީއޭގެ "އެންހޭންސްޑް ގްރައުންޑް ސަޕޯޓް އިކުއިޕްމަންޓް" (Enhanced GSE) ރެކޮގްނިޝަންވެސް ވަނީ ހާސިލުކޮށްފައެވެ.

އައިސާގޯ (ISAGO) އެކްރެޑިޓޭޝަނަކީ އެއާޕޯޓުތަކުގައި ގްރައުންޑް ހޭންޑްލިންގ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ބައިނަލްއަގުވާމީ ސޭފްޓީ އަދި ކުއަލިޓީ މިންގަނޑުތަކަށް އަމަލުކުރާކަން ކަށަވަރުކުރުމަށް އައިއޭޓީއޭއިން ދޭ އެންމެ މުހިންމު ސެޓިފިކެޓެވެ. އަދި އައިއޭޓީއޭ އެންހޭންސްޑް ޖީއެސްއީ ރެކޮގްނިޝަނަކީ އެއާޕޯޓުގެ ގްރައުންޑް އޮޕަރޭޝަންސްތަކުގައި ބޭނުންކުރާ ވަސީލަތްތަކުގައި އެކްސިޑެންޓްތަކުން ރައްކާތެރިވުމުގެ ޒަމާނީ އެންޓި-ކޮލިޝަން ނިޒާމުތަކާއި ސޭފްޓީ ޓެކްނޮލޮޖީ ބޭނުންކޮށްގެން، މަތިންދާބޯޓުތަކަށާއި މުވައްޒަފުންނަށް އެންމެ ރައްކާތެރި މާހައުލެއް ގާއިމުކޮށްފައިވާ ކަމުގެ ހެކިދޭ ބައިނަލްއަގުވާމީ ބަލައިގަތުމެކެވެ.

މިއީ ރައްކާތެރިކަމާއި އޮޕަރޭޝަނަލް އެކްސެލެންސް ނުވަތަ އެންމެ އުސް މިންގަނޑުތައް ދެމެހެއްޓުމަށް ކުރަމުންދާ ދިގު މުއްދަތުގެ މަސައްކަތުގައި ލިބުނު ފަޚުރުވެރި އަދި މުހިންމު ކާމިޔާބީއެކެވެ. މި ކާމިޔާބީއަކީ ބައިނަލްއަގުވާމީ އެންމެ މަތީ މިންގަނޑުތަކާއި އެންމެ ރަނގަޅު އުސޫލުތައް (ބެސްޓް ޕްރެކްޓިސަސް) ހިފެހެއްޓުމަށް މުޅި ޓީމުން ކުރަމުންދާ އިޚްލާޞްތެރި މަސައްކަތް ދައްކުވައިދޭ ސާފު ހެކިދޭ ކަމެކެވެ.

މި ރެކޮގްނިޝަންތަކާއެކު، އެއާޕޯޓު އޮޕަރޭޝަންސްގެ ރައްކާތެރިކަން އިތުރަށް ވަރުގަދަވެ، ޚިދުމަތްތަކުގެ ފެންވަރު މަތީ ދަރަޖައެއްގައި ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ބައިނަލްއަގުވާމީ ފެންވަރުގެ ރައްކާތެރި، އިތުބާރުހުރި ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ވަނީ އަރުވާފައެވެ.