ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދުނިޔޭގައި އޮތީ އެންމެ ދިވެހިރާއްޖެއެއް، އީގަލް ހިލްސްގެ އިންވެސްޓްމަންޓްތައް ކުރިއަށްދާނީ ރާއްޖޭގެ އިޤްތިޞާދާއި ދެމެހެއްޓެނިވިކަމަށް އިސްކަންދީގެން: އަލާއްބާރު

އީގަލް ހިލްސްއިން ރާއްޖޭގައި ކުރިއަށް ގެންދާ 20 ބިލިއަން ޑޮލަރުގެ އެއްބަސްވުމުގައި ސޮއިކުރުން ---
އީގަލް ހިލްސްއިން ރާއްޖޭގައި ކުރިއަށް ގެންދާ 20 ބިލިއަން ޑޮލަރުގެ އެއްބަސްވުމުގައި ސޮއިކުރުން ---

ދުނިޔޭގައި އޮތީ އެންމެ ދިވެހިރާއްޖެއެއް ކަމަށާއި، ރާއްޖޭގައި އީގަލް ހިލްސްއިން ކުރާ އިންވެސްޓްމަންޓްތަކުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ރާއްޖޭގެ އިޤްތިޞާދަށް ކުރާނެ ފައިދާއާއި ދެމެހެއްޓެނިވި ތަރައްޤީއަށް ކަމަށް އެ ކުންފުނީގެ ޗެއަރމަން މުޙައްމަދު އަލާއްބާރު ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ޢާންމުކުރި މައުލޫމާތުގައިވާ ގޮތުން، އަލާއްބާރު ވަނީ ރާއްޖޭގައި އިންވެސްޓްކުރުމާ ގުޅޭގޮތުން އެ ކުންފުނިން ގެންގުޅޭ ޚާއްޞަ ތަޞައްވުރު ހިއްސާކުރައްވާފައެވެ. އެގޮތުން މުޅި ދުނިޔޭގައިވެސް ދިވެހިރާއްޖެ ފަދަ އެހެން ދެވަނަ ޤައުމެއް ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.

އަލާއްބާރު ވިދާޅުވި ގޮތުގައި، ރާއްޖޭގައި ކުރިއަށްގެންދާ އިންވެސްޓްމަންޓް މަޝްރޫޢުތަކުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ އަމިއްލަ އިޤްތިޞާދަށް އެދެވޭ ބޮޑު އަސަރެއް ކުރުވުމެވެ. އަދި އޭގެ އިތުރުން ތިމާވެށްޓާއި ރައްކާތެރިކަމަށް ބަލައިގެން ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ރޭވުމަށް ޚާއްޞަ ސަމާލުކަމެއް ދެވޭނެއެވެ.

މީގެއިތުރުން، އެ ކުންފުނިން ރާއްޖޭގައި ހިންގާ ކޮންމެ މަޝްރޫޢެއްވެސް ފުރިހަމަކުރާނީ ނުހަނު އިޚްލާޞްތެރިކަމާއެކު، ހިތުގެ އަޑިން ކަމަށް އަލާއްބާރު ފާހަގަ ކުރެއްވިއެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ ޢުމްރާނީ އަދި އިޤްތިޞާދީ ދާއިރާއަށް އެދެވޭ ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.