ދުބާއީގެ ވެރިޔާގެ އަޚް އަވަހާރަވުމާ ގުޅިގެން ރައީސް މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ނައިބު ރައީސް، ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމްގެ އަޚް ޝައިޚް އަޙްމަދު ބިން ރާޝިދު އަލް މަކްތޫމް އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޝައިޚް އަޙްމަދު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށް ވިދާޅުވެ، ޔޫއޭއީގެ ނައިބު ރައީސަށާއި އެމަނިކުފާނުގެ އާއިލާއަށް އިޚްލާޞްތެރި ތަޢުޒިޔާ ދަންނަވާފައެވެ.
ރައީސްގެ މެސެޖުގައި މާތް ﷲ އަވަހާރަވި ޝައިޚް އަޙްމަދު ބިން ރާޝިދު އަލް މަކްތޫމްގެ ފުރާނަފުޅަށް ދާއިމީ އާމާންކަން މިންވަރުކުރައްވައި، ސުވަރުގޭގެ އެންމެ މަތިވެރި ނިޢުމަތްކަމުގައިވާ ޖަންނަތުލް ފިރްދައުސް މިންވަރުކުރެއްވުން އެދި ދުޢާކުރައްވާފައިވެއެވެ.
Ads by BMLއަދި މި ހިތާމަވެރި ދަނޑިވަޅުގައި ޔޫއޭއީގެ ނައިބު ރައީސަށާއި އެމަނިކުފާނުގެ ޢާއިލާގެ އިތުރުން ޔޫއޭއީގެ އެންމެހައި ރައްޔިތުންނަށް ކެތްތެރިކަމާއި ސާބިތުކަން މިންވަރުކުރެއްވުން އެދި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އެމަނިކުފާނު ދުޢާ ދަންނަވާފައިވެއެވެ.
ޝައިޚް އަޙްމަދު ބިން ރާޝިދު އަލް މަކްތޫމް އަވަހާރަވުމާ ގުޅިގެން ދުބާއީގައި ރަސްމީކޮށް ހިތާމައިގެ 10 ދުވަހުގެ މުއްދަތެއް އިއުލާންކޮށްފައިވާއިރު، ރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮންނަ ގާތް އަޚުވަންތަ ގުޅުމުގެ ތެރެއިން އެޤައުމަށް ދިމާވާ މިފަދަ ހިތާމަވެރި ކަންކަމުގައި ދިވެހިރާއްޖެއިން އަބަދުވެސް ބައިވެރިވެއެވެ.
Ads by MACL
