އިބޫ ފަހަތަށް ޖެހިވަޑައިގެން، ފައިސަލް އަށް ތާއީދު ކުރެއްވުމަށް ނިންމަވައިފި
2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަނުކުރައްވަން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް (އިބޫ) ނިންމަވައިފިއެވެ.
އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި، ރައީސް ޞާލިޙްގެ ފުރިހަމަ ތާއީދާ އެކު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް މިހާރު ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ނައިބު ރައީސްކަން ކުރެއްވި ފައިސަލް ނަސީމް ނިންމަވާފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ކުރިއަށް އޮތް ދުވަސްތަކުގައި ފައިސަލް ރަސްމީކޮށް އިޢުލާން ކުރައްވާނެ ކަމަށާއި، އަދި އެއާއެކު ރައީސް ޞާލިޙް ވެސް ފައިސަލްއަށް ތާއީދު ކުރައްވާކަން ރަސްމީކޮށް ހާމަކުރައްވާނެ ކަމަށް ވަނީ ޔަގީންވެފައެވެ.
Ads by BMLރައީސް ޞާލިޙް ޕްރައިމަރީގައި ވާދަނުކުރައްވައި ފަހަތަށް ޖެހިވަޑައިގަތުމަށް ނިންމެވި ނަމަވެސް، އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމުގެ ވާދަވެރިކަން މިހާރުވެސް ވަނީ ވަރަށް ބޮޑަށް ފެށިފައެވެ.
އެގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު އާއި، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލްގެ އިތުރުން ޑރ. އަޙްމަދު ޝަމްހީދު ވެސް ގެންދަވަނީ ސިއްރާއި ފާޅުގައި ތާއީދު ހޯއްދެވުމުގެ ކެމްޕެއިން ހަރަކާތްތައް ހިންގަވަމުންނެވެ.
އަންނަ ރިޔާސީ އިންތިޚާބަށް ޕާޓީތަކުން ތައްޔާރުވަމުން އަންނައިރު، ރައީސް ޞާލިޙްގެ ތާއީދާއެކު ފައިސަލް ނަސީމް އެމްޑީޕީގެ ޕްރައިމަރީގެ ރޭހަށް ނުކުމެވަޑައިގަތުމަކީ ޕާޓީގެ އެތެރޭގެ ސިޔާސީ މަސްރަޙަށް ބޮޑު ބަދަލުތަކެއް އަންނާނެ ކަމެއް ކަމަށް ސިޔާސީ މަސްރަޙު ދިރާސާކުރައްވާ ފަރާތްތަކުން ދެކެއެވެ.
Ads by MACL
