ރާއްޖެއަކީ ސައުދީގެ އިންވެސްޓަރުންނަށް ފަހި މާހައުލެއް: ރައީސް
ދިވެހިރާއްޖެއަކީ ސައުދީ އަރަބިއްޔާގެ އިންވެސްޓަރުންނަށް އިންވެސްޓް ކުރުމަށް ފަހި މާހައުލެއް އޮތް ގައުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސައުދީ އަރަބިއްޔާގެ ނުވަދިހަ ހަވަނަ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ހަފްލާގައި ރައީސް ވަނީ ދެ ގައުމުގެ މެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މި ހަފްލާ ބޭއްވުނީ ކުރުނބާ މޯލްޑިވްސްގައެވެ. ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެއާއި ސައުދީ އަރަބިއްޔާ ގުޅިފައިވަނީ ހަމައެކަނި ޖުގުރާފީ ގޮތުން ނޫން ކަމަށެވެ.
Ads by BMLރައީސް ވިދާޅުވީ ދެ ގައުމު ގުޅިފައިވަނީ ދެފަރާތުން ހިއްސާކުރާ އިސްލާމީ އީމާންތެރިކަމާއި، އެކުވެރި އަގުތަކާއި، އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހުތިރާމުގެ މައްޗަށް ކަމަށެވެ. އަދި ދީލަތިކަމާއި މެހެމާންދާރީއަކީ ވެސް ދެ ގައުމުގެ ސަގާފަތުގެ މުހިންމު ބައެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ހިކުމަތްތެރި ލީޑަޝިޕާއި ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާންގެ އިރުޝާދުގެ ދަށުން އެ ގައުމަށް ބޮޑެތި ކުރިއެރުންތަކެއް އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން އިގްތިސާދު ސިންދަފާތު ކުރުމާއި އުމްރާނީ ތަރައްގީގެ ދާއިރާއިން ހޯދަމުންދާ ކާމިޔާބީތަކަށް އެމަނިކުފާނު ތައުރީފު ކުރެއްވިއެވެ.
ރާއްޖެއިން އުންމީދު ކުރަނީ ސައުދީ އަރަބިއްޔާއާއެކު އޮތް އިގްތިސާދީ އަދި ތަރައްގީގެ ބައިވެރިވުން އިތުރަށް ވަރުގަދަކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ފަތުރުވެރިކަމާއި، އުމްރާނީ ތަރައްގީއާއި، ބޯހިޔާވަހިކަމާއި، ސިއްހީ ދާއިރާގެ އިތުރުން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ސައުދީގެ އިންވެސްޓްމަންޓްތަކަށް ރާއްޖެއިން މަރުހަބާ ކިޔާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ސައުދީ ވިޔަފާރިތަކަށާއި އިންވެސްޓަރުންނަށް ރާއްޖޭގެ އިގްތިސާދީ ބަދަލުތަކުގައި ފުރިހަމައަށް ބައިވެރިވެވޭނެ ގޮތަށް އެކަށީގެންވާ ސިޔާސަތުތައް އެކުލަވާލައި ފަހި މާހައުލެއް ބިނާކުރުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
Ads by MACL
