ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އައްޑޫ ލިންކް ރޯޑް ހަތަރު ލޭނަށް ފުޅާކުރުމުގެ ބޮޑު މަޝްރޫޢު ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

މަސައްކަތް ހަވާލުކުރުން --- ފޮޓޯ: ހައުސިން މިނިސްޓްރީ
މަސައްކަތް ހަވާލުކުރުން --- ފޮޓޯ: ހައުސިން މިނިސްޓްރީ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ މައި ދަތުރުފަތުރުގެ ރާސްތާ ކަމަށްވާ ލިންކް ރޯޑް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ހަތަރު ލޭނަށް ފުޅާކުރުމުގެ މަސައްކަތް ޗައިނާގެ ރޯޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ މިއަދު ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޢަބްދުﷲ މުއްތަލިބެވެ. އަދި ރޯޓައިމް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޒޫ ވެއިޑޮންގްއެވެ.

މި އެއްބަސްވުމުގެ ދަށުން އައްޑޫ ޑީޓުއާ ބްރިޖުން ފެށިގެން ހިތަދޫ ސްޓޭޑިއަމްއާ ހަމައަށް އޮތް 12.3 ކިލޯމީޓަރުގެ ސަރަހައްދުގައި މިހާރު ބޭނުންކުރަމުންދާ ދެ ލޭނުގެ މަގު ހަތަރު ލޭނަށް ބަދަލުކުރެވިގެންދާނެއެވެ. މިއާއެކު ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަދި ގަން ގުޅުވައިދޭ މައި މަގުގެ ފެންވަރު މަތިވެ، ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

ބޮޑެތި ވަޅުގަނޑުތައް ހެދި، މަގުގެ ހާލަތު އިންތިހާއަށް ގޯސްވުމުގެ ސަބަބުން އައްޑޫގެ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ބޮޑެތި އުނދަގޫތަކަކާ ވަނީ ކުރިމަތިލާންޖެހިފައެވެ. ޚާއްޞަކޮށް ފަހަކަށް އައިސް ކުރި ވިއްސާރައިގައި މަގުގައި ފެންބޮޑުވެ، ނުރައްކާތެރި ހާދިސާތައް ހިނގުން އިތުރުވުމާ ގުޅިގެން ކޮންމެހެން ދާންޖެހޭ ހާލަތެއްގައި ނޫނީ އެ މަގު ބޭނުންނުކުރުމަށް އައްޑޫ ސިޓީ ކައުންސިލުންވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މި މަސައްކަތް ހަވާލުކުރެވުނު ޗައިނާގެ ރޯޓައިމް ކުންފުންޏަކީ ރާއްޖޭގެ އުމްރާނީ ތަރައްޤީގެ އެކި މަޝްރޫޢުތައް ކުރިއަށްގެންދިއުމުގެ ތަޖުރިބާ ހުރި ކުންފުންޏެކެވެ. އެގޮތުން ވޭތުވެދިޔަ އަހަރުގެ ޑިސެމްބަރު މަސްތެރޭގައި ހުޅުމާލޭގެ މަގުތައް ހެދުމުގެ ބޮޑު މަޝްރޫޢެއްވެސް ސަރުކާރުން ވަނީ އެ ކުންފުންޏާ ހަވާލުކޮށްފައެވެ.