ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްޓީސީސީ އާއި އެންއެމްޑީސީ ގްރޫޕް ގުޅިގެން މަޝްރޫޢުތައް ހިންގުމާ މެދު މަޝްވަރާކޮށްފި

އެމްޓީސީސީ އާއި އެންއެމްޑީސީ ގްރޫޕް ގުޅިގެން މަޝްރޫޢުތައް ހިންގުމާ މެދު މަޝްވަރާކޮށްފި

އެމްޓީސީސީގެ މަޝްރޫޢުތަކަށް އިންވެސްޓް ކުރުމާއި ދެ ކުންފުނި ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާ ގުޅޭގޮތުން މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނި (އެމްޓީސީސީ) އާއި ޔޫއޭއީގެ އެންއެމްޑީސީ ގްރޫޕާ ދެމެދު މަޝްވަރާތަކެއް ބާއްވައިފިއެވެ. އެމްޓީސީސީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މި މަޝްވަރާތަކުގައި ދެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

މި ބައްދަލުވުމުގައި ރާއްޖޭން ދުބާއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސަލެންސީ ތޯރިޤް އިބްރާހިމްގެ އިތުރުން އެމްޓީސީސީގެ ޗެއަރމަން އާއި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެންއެމްޑީސީ ގްރޫޕްގެ ފަރާތުންވެސް އެ ކުންފުނީގެ އިސްވެރިން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އެންއެމްޑީސީ ގްރޫޕަކީ އޭޝިއާގެ ޤައުމުތަކުގައި މެރިން ޑްރެޖިންގ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ހިންގުމުގެ 50 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ. މި މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ ދެ ކުންފުނި ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި، އެމްޓީސީސީގެ މަޝްރޫޢުތަކަށް އެންއެމްޑީސީން އިންވެސްޓް ކުރުމުގެ އިތުރުން ދެ ކުންފުނީގެ ވިޔަފާރި ފުޅާކުރުމުގެ ފުރުޞަތުތައް ހޯދުމެވެ.

އެމްޓީސީސީން ބުނެފައިވަނީ އެ ކުންފުނީގެ އަމާޒަކީ ހިކުމަތްތެރިކަމާއެކު ވިޔަފާރިތައް ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނީގެ ވިޔަފާރި ކުރިއަށް ގެންދިއުން ކަމަށެވެ. އަދި ކަސްޓަމަރުންނާއި، ޙިއްސާދާރުންނާއި، ވިޔަފާރީގެ ބައިވެރިންގެ އިތުރުން ޢާއްމު ރައްޔިތުން ވޭތުވެދިޔަ 45 އަހަރު ދެގޮތެއްނުވެ ކުންފުންޏަށް ކުރަމުން އައި އިތުބާރު ދެމެހެއްޓުމަކީވެސް އެމްޓީސީސީގެ އިސް އަމާޒެކެވެ.

1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު މަރުޙަލާއެއްގައެވެ. އަދި މި ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރަމުންދެއެވެ.