ރާއްޖޭގެ އިގްތިޞާދު ސިންދަފާތުކުރުމުގެ ތަޞައްވުރަށް ޗައިނާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ: ސަފީރު
ދިވެހިރާއްޖޭގެ އިގްތިޞާދު ސިންދަފާތުކޮށް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރު ޙަގީގަތަކަށް ހެދުމުގައި ޗައިނާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ ވިދާޅުވެއްޖެއެވެ.
ސަފީރު މިހެން ވިދާޅުވީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ޤައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މި ޙަފްލާ ބޭއްވުނީ މާލޭގައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ އިސް ވަޒީރުންނާއި، މަޖިލިސް މެންބަރުން އަދި ޑިޕްލޮމެޓިކް މިޝަންތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
Ads by BMLސަފީރުގެ ވާހަކަފުޅުގައި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ގައުމީ މަހާސިންތާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ދެއްކެވި ވާހަކަފުޅަށް އަލިއަޅުއްވާލެއްވިއެވެ. ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށާއި، މަސްވެރިކަމުގެ ދާއިރާ ޒަމާނީ ކުރުމަށާއި، ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމުގެ އިތުރުން އިގްތިޞާދު ސިންދަފާތުކުރުމަށް މަސައްކަތްތަކެއް ކުރަންޖެހޭކަން ރައީސް ފާހަގަކުރައްވާފައިވާކަން ސަފީރު ވިދާޅުވިއެވެ.
ޗައިނާއަށް ޓެކްނޮލޮޖީއާއި، ރައުސްމާލާއި އަދި މެނޭޖްމަންޓްގެ ތަޖުރިބާގައި ލިބިފައިވާ ގާބިލުކަމާއި، ރާއްޖޭގެ ޚާއްސަ ވަސީލަތްތަކާއި މުއްސަނދި ހުނަރުތައް އެއްކޮށްލައިގެން ބްލޫ އިކޮނޮމީ އިތުރަށް ފުޅާކުރެވޭނެ ކަމަށް ސަފީރު ވިދާޅުވިއެވެ. އަދި ގްރީން ޑިވެލޮޕްމަންޓް އިތުރަށް ހަރުދަނާކޮށް، ޑިޖިޓަލް މުސްތަޤްބަލު ކުރިއަށްވުރެ ކައިރިކުރެވިދާނެ ކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.
މީގެއިތުރުން ޗައިނާގެ ހިލޭ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ އުމްރާނީ މަޝްރޫޢުތަކަކީ ދިވެހިރާއްޖޭގެ ދަރަންޏަށް އެއްވެސް ބުރައެއް ނާންނާނެހެން ހިންގާ މަޝްރޫއުތަކެއް ކަން ސަފީރު ފާހަގަކުރެއްވިއެވެ. ބިޑިން މަރުޙަލާގައި އޮތް ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލާއި، ޑިޒައިނިން މަރުޙަލާގައިވާ މާލެ އަދި ވިލިމާލޭގެ މަގުހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި ފެށޭނެ ކަމަށް ވިދާޅުވިއެވެ. އަދި ރަށްރަށުގެ ކައުންސިލް އިދާރާތައް އުމާރާތްކުރުމުގެ މަޝްރޫއުގެ ހުއްދަތައް ވެސް މިއަހަރު ނިމުމުގެ ކުރިން ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ދާދިފަހުން ސިނަމާލެ ބްރިޖުގައި އުޅަނދެއް ޖެހި ހިނގި ހާދިސާއަށްފަހު، ޗައިނާގެ އިންޖިނިއަރުން ކުރި ދިރާސާތަކުން ބްރިޖުގެ ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ ކަމަށް ސަފީރު ވިދާޅުވިއެވެ. ބްރިޖް ބެލެހެއްޓުމުގައި ދިވެހި އިންޖިނިއަރުންނާއެކު ޗައިނާގެ ހިލޭ އެހީގެ ދަށުން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަޤީންކަން ވެސް ދެއްވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމަށް އަލިއަޅުއްވާލައްވަމުން ސަފީރު ވިދާޅުވީ، މިއަހަރުގެ ސެޕްޓެމްބަރު ސޯދަސް އާ ހަމައަށް ދެ ލައްކަ އަށްޑިހަ ހާހަށްވުރެ ގިނަ ޗައިނާ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އަދި ދެ ޤައުމުގެ ވިޔަފާރީގެ ގުޅުންތައް އިތުރަށް ހަރުދަނާކޮށް އިންވެސްޓްމަންޓް ފުރުޞަތުތައް ފަހިކުރުމަށްޓަކައި ކުރިއަށް އޮތް އޮކްޓޫބަރު މަހު ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށް ސަފީރު ހާމަކުރެއްވިއެވެ.
Ads by MACL
