ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޑްރަގުގެ ފަރުވާ ދިނުމުގައި ހުރި ގޮންޖެހުންތަކާއެކު ހިންމަފުށީގައި 500 މީހުންގެ އައު ރިހެބިލިޓޭޝަން ސެންޓަރެއްގެ ބިންގާ އަޅައިފި

ޑްރަގުގެ ފަރުވާ ދިނުމުގައި ހުރި ގޮންޖެހުންތަކާއެކު ހިންމަފުށީގައި 500 މީހުންގެ އައު ރިހެބިލިޓޭޝަން ސެންޓަރެއްގެ ބިންގާ އަޅައިފި

ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެފައިވާ މިންވަރާ އަޅާބަލާއިރު ދައުލަތުން ފޯރުކޮށްދޭ ފަރުވާގެ ޚިދުމަތްތައް އެންމެ އެދެވޭ ގޮތެއްގައި ނުދެވޭކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އެއްބަސްވެވަޑައިގެންފިއެވެ.

ވަޒީރު މިހެން ވިދާޅުވީ ކ. ހިންމަފުށީގައި 500 މީހުންނަށް އެއްފަހަރާ ފަރުވާ ދެވޭ ފެންވަރުގެ އައު ރިހެބިލިޓޭޝަން ސެންޓަރެއްގެ ބިންގާ އެޅުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި މާޒީގައި ކުރެވުނު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، އިސްވެދިޔަ ސަރުކާރުތަކުންވެސް މަސްތުވާތަކެތީގެ ފަރުވާއަށް ވަސީލަތްތައް ގާއިމުކުރަން މަސައްކަތްތަކެއް ކޮށްފައިވީ ނަމަވެސް، މައްސަލައިގެ ނުރައްކާތެރިކަމަށް ބަލާއިރު އެ މަސައްކަތްތައް ނިސްބަތުން ވަރަށް ކުޑަކަމަށެވެ. އަދި މިހާތަނަށް ދެވެމުންއައި ޚިދުމަތްތަކަކީ ފަޚުރުވެރިވެވޭފަދަ ފެންވަރެއްގެ ޚިދުމަތްތަކެއް ނޫންކަން ފާހަގަކުރައްވައި، މަރުކަޒު ކުރެވިގެން އެކަށީގެންވާ ފެންވަރެއްގައި ފަރުވާ ދެވޭނެ އެކަށީގެންވާ ފެސިލިޓީއެއް ނެތުން އެއީ މިވަގުތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށް އިޙްސާން ވިދާޅުވިއެވެ.

ހިންމަފުށީގައި މިހާރު ބޭނުންކުރަމުންދާ ރިހެބިލިޓޭޝަން ސެންޓަރުގެ ޙާލަތަށް އަލިއަޅުއްވާލައްވަމުން ވަޒީރު ފާހަގަކުރެއްވީ، އެއީ 174 މީހުންގެ ޖާގައިގެ ތަނެއް ނަމަވެސް އިމާރާތް ވަރަށް ބޮޑަށް ބައުވެ ވީރާނާވުމުގެ ސަބަބުން މިހާރު ޚިދުމަތް ދެެވެނީ އެންމެ 80 މީހުންނަށް ކަމަށެވެ. ނަމަވެސް އަލަށް ބިނާކުރެވޭ ޒަމާނީ ފެސިލިޓީއާއެކު، މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން އެދޭ ފަރާތްތަކަށް އެކަށީގެންވާ ރަނގަޅު ފަރުވާއެއް ލިބިގެންދާނެކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑުން ފަސް މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްގެން ތަރައްޤީކުރާ މި އައު މަރުކަޒަކީ ހަމައެކަނި ފަރުވާގެ ޚިދުމަތަށް ޚާއްޞަ ތަނެއް ނޫނެވެ. މި އިމާރާތުގައި ހިންމަފުށީގެ އާންމު ރައްޔިތުންނަށްވެސް ބޭނުންކުރެވޭނެ ހެލްތް ފެސިލިޓީއެއްގެ އިތުރުން، ހުނަރު ތަރައްޤީކުރުމާއި ކައުންސިލިންގ ޚިދުމަތްތައްވެސް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވާ ކަމެއްކަން ފާހަގަކުރައްވަމުން، މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދަނީ ރައީސްގެ ސީދާ އިރުޝާދުގެ ދަށުންކަމަށް ވަޒީރު ވިދާޅުވިއެވެ.

މި އައު މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ވަޒީރު ޢަލީ އިޙްސާނާއި، ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަދި އެންޑީއޭ ބޯޑުގެ ޗެއާޕާސަން އަލްއުސްތާޒު އަޙްމަދު ޞިއްދީގުގެ އިތުރުން، އެންކޯ ހޯލްޑިންގެ މެނޭޖިން ޑިރެކްޓަރު ސާހީން އާދަމް އަދި ހުރާ ދާއިރާގެ މަޖިލިސް މެމްބަރު ޑރ. އަނާރާ ނައީމްއެވެ.

މީގެއިތުރުން އެންޑީއޭގެ އެކްޓިން ސީއީއޯ މުހައްމަދު ރާޝިދާއި ހިންމަފުށީ ކައުންސިލްގެ ރައީސް ހަސަން ފާއިޒުވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.