ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާނެ ހުނަރުވެރިން ބިނާކުރުމަށް އެޗްއާރްސީއެމުން ލ. އަތޮޅުގައި ބޭއްވި ޚާއްޞަ ޕްރޮގްރާމް ނިންމާލައިފި

ޑރ. ރަމީލާ ---
ޑރ. ރަމީލާ ---

އިންސާނީ ހައްގުތަކަށް ވަކާލާތުކުރުމާއި، އަނިޔާއާއި ތަފާތުކުރުންތަކާ ދެކޮޅަށް އަޑުއުފުލާނެ ހުނަރުވެރި ފަރާތްތަކެއް ބިނާކުރުމުގެ މަގުސަދުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ލ. ގަމުގައި ކުރިއަށްގެންދިޔަ "ހިއުމަން ރައިޓްސް ޑިފެންޑާރސް ޕްރޮގްރާމް" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޗްއާރްސީއެމްގެ ރައީސް ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވީ މުޖުތަމައުގައި އިންސާނީ ހައްގުތައް ރައްކާތެރިކޮށް ދެމެހެއްޓުމުގައި، އެ ހައްގުތަކަށް ވަކާލާތުކުރާ ހިއުމަން ރައިޓްސް ޑިފެންޑަރުންގެ ދައުރަކީ ނުހަނު މުހިންމު އަދި އަގުހުރި ދައުރެއް ކަމަށެވެ. އަދި ފަސް ދުވަހުގެ މި ތަމްރީނުން ލިބުނު މައުލޫމާތާއި ހުނަރުގެ އަލީގައި، މުޖުތަމައުގެ ހައްގުތައް ކަށަވަރުކުރުމަށާއި ދައުލަތް ޖަވާބުދާރީކުރުވުމަށް ފާޅުގައި މަސައްކަތްކުރާނެ ހީވާގި ޑިފެންޑަރުންތަކެއް ނުކުމެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެކަކު އަނެކަކަށް އިހުތިރާމްކުރާ ހަމަހަމަ މުޖުތަމައެއް ބިނާކުރުމަށްޓަކައި، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުގެ ދައުރު ވަރަށް ބޮޑު ކަމަށް ލ. ގަމު ކައުންސިލްގެ މެންބަރު ސަލްމާ އުމަރުވެސް ވިދާޅުވިއެވެ.

ސަލްމާ މިހެން ވިދާޅުވީ އިންސާނީ ހައްގުތަކަށް މީހުން އަހުލުވެރިކުރުވުމުގެ މަގުސަދުގައި ލ. ގަމުގައި ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ސަލްމާގެ ވާހަކަފުޅުގައި ވަނީ ލާމު އަތޮޅުގައި މިފަދަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގެ މުހިންމުކަން ފާހަގަކުރައްވައި، މުޖުތަމައުގައި އަދަބުއަޚްލާގާއި އެކަކު އަނެކަކަށް ގަދަރުކުރުމުގެ ރޫހު އާލާކުރުމުގައި މިފަދަ މަސައްކަތްތައް މުހިންމު ދައުރެއް އަދާކުރާ ކަމަށް ވިދާޅުވެފައެވެ.

މި މަހުގެ 20 އިން 24 އަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމްގައި ޖުމްލަ 30 ބައިވެރިއަކު ސަނަދު ހާސިލުކޮށްފައިވާއިރު، އޭގެ ތެރޭގައި 18 އަންހެނުންނާއި 12 ފިރިހެނުން ހިމެނެއެވެ. މި ތަމްރީނުތައް ބިނާކޮށްފައިވަނީ އެޗްއާރްސީއެމްގެ ގާނޫނީ ޒިންމާތަކާއި، "ސިވިލް ސޮސައިޓީ އެންގޭޖްމަންޓް އެންޑް ކެޕޭސިޓީ ބިލްޑިންގ ސްޓްރެޓެޖީ" ގެ އިތުރުން ދެމެހެއްޓެނިވި ތަރައްގީގެ 2030 ގެ ލަނޑުދަނޑިތަކާ އެއްގޮތަށް އެކުލަވާލާފައިވާ މެނުއަލްއެއްގެ މައްޗަށެވެ.

މި ޕްރޮގްރާމުގެ އިތުރުން، އެޗްއާރްސީއެމްގެ ތިން ޓީމަކުން ވަނީ ލ. އަތޮޅުގެ 11 ރަށަކަށް ޒިޔާރަތްކޮށް، އިންސާނީ ހައްގުތަކާއި ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނަށް ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް ކުރިއަށްގެންގޮސްފައެވެ. ދައުލަތުގެ މުއައްސަސާތަކަށާއި އާންމުންނަށް އަމާޒުކޮށްގެން ހިންގި މި ސެޝަންތަކުގައި 393 އަންހެނުންނާއި 176 ފިރިހެނުންނާއެކު ޖުމްލަ 569 މީހުން ބައިވެރިވެފައިވެއެވެ.

މި ދަތުރުގެ ހަރަކާތްތައް އެއްކޮށް ނިންމާލުމުގެ ގޮތުން ލ. ގަން ޒޯން ސްޓޭޑިއަމްގައި ޚާއްޞަ އާއިލީ ހަވީރެއް ބޭއްވުމަށްވެސް އެޗްއާރްސީއެމުން ވަނީ ރާވާފައެވެ.