30 އަށްވުރެ ގިނަ ތަރިންގެ ބޮޑު ކާސްޓަކާއެކު، އާ ކްރައިމް ތްރިލަރ ސީރީޒް "ޖުންޖުލާ" އޮކްޓޯބަރު 3 ގައި
ފިލްމީ ދާއިރާގެ ގިނަ ދުވަސްވީ ތަޖުރިބާކާރު ތަރިންނާއި މުޅިން އައު ތަރިން ހިމެނޭހެން 30 އަށްވުރެ ގިނަ އެކްޓަރުންގެ ބޮޑު ކާސްޓަކާއެކު، ކްރިއޭޓިވް ނެޓްވޯކްގެ އާ ކްރައިމް ތްރިލަރ ސީރީޒް "ޖުންޖުލާ" އަންނަ އޮކްޓޯބަރު 3 ވާ ހޮނިހިރު ދުވަހު މީޑިއާނެޓްގެ ވީޑިއޯކްލަބުން ޕްރިމިއަރ ކުރަން ހަމަޖެހިއްޖެއެވެ. މިއީ މީޑިއާނެޓްގެ އޮރިޖިނަލް ވެބްސީރީޒްއެކެވެ.
އަޒްހާން އިބްރާހީމް ޑައިރެކްޓްކޮށްފައިވާ 10 އެޕިސޯޑުގެ މި ސީރީޒްގައި 10 ތަފާތު މައްސަލައެއް ތަޙުޤީޤުކުރާއިރު، ކޮންމެ އެޕިސޯޑަކުންވެސް ތަފާތު އައު ކެރެކްޓަރތަކެއް ފެނިގެންދާނެއެވެ. 30 އަށްވުރެ ގިނަ ތަރިން މި ސީރީޒްގައި ހިމެނުމުގެ މައިގަނޑު ސަބަބަކީވެސް މިއީއެވެ. މިއީ ފަހުގެ ތާރީޚެއްގައި ދިވެހި ސީރީޒްއަކުން ފެނިގެންދާނެ އެންމެ ބޮޑު އެއް ކާސްޓެވެ.
https://youtu.be/9jyLQvqFc0A
Ads by BMLމި ސީރީޒްގައި މައިގަނޑު ގޮތެއްގައި ފެނިގެންދާނީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޒާރާ ކަރީމް (ކާމިޔާބު ބަތަލާ ވާޝިޔާ މުޙައްމަދު) އާއި އޭނާގެ ޕާޓްނަރު ޒުހައިރު ކޮންމެ އެޕިސޯޑެއްގައިވެސް އައު މައްސަލައެއް ތަޙުޤީޤުކުރާ މަންޒަރެވެ. ނުތަނަވަސް އިންޓަރޮގޭޝަންތަކާއި ފްލޭޝްބެކްތަކުގެ ތެރެއިން މައްސަލަތަކުގެ ޙަޤީޤަތް ހޯދަމުންދާއިރު، ސީޒަން ކުރިއަށްދާ ވަރަކަށް އެހެން މީހުންގެ ދޮގުތައް ފަޅާއަރުވާލާ ޒާރާގެ އަމިއްލަ މާޒީގެ ބޮޑު ސިއްރުތަކަކާވެސް އޭނާއަށް ކުރިމަތިލާން ޖެހެއެވެ.
މި ސީރީޒްގެ އެންމެ ޚާއްސަ އެއް ކަމަކީ ދިވެހި ފިލްމީ ދާއިރާއަށް މުޅިން އައު އެތައް މޫނުތަކަކާއެކު، ބެލުންތެރިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ކުރީގެ ތަރިން ފެނިގެންދިއުމެވެ. އެގޮތުން ސީރީޒްގެ ފުރަތަމަ އެޕިސޯޑު "ފަހު ފިލާވަޅު" އިން ގިނަ އަހަރުތަކަކަށްފަހު ލީޑް ރޯލަކުން ތަޖުރިބާކާރު ބަތަލާ މަރިޔަމް ނިޝާ ފެނިގެންދާނެއެވެ. ޤައުމީ އެވޯޑު ހޯދާފައިވާ ނިޝާ ފެނިގެންދާނީ އޭނާ މީގެ ކުރިން ދުވަހަކުވެސް ނުފެންނަ ފަދަ ތަފާތު ރޯލަކުންނެވެ.
ފީޗަރ ފިލްމު "ލީލީ" އަށްފަހު ކްރިއޭޓިވް ނެޓްވޯކުން ގެނެސްދޭ "ޖުންޖުލާ" ގެ ފުރަތަމަ ދެ އެޕިސޯޑު ކަމަށްވާ "ފަހު ފިލާވަޅު" އަދި "މުކައްޒިބީން" އޮކްޓޯބަރު 3 ވަނަ ދުވަހު ވީޑިއޯކްލަބުން ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވާއިރު، އޭގެ ފަހުން ކޮންމެ ހަފްތާއަކުވެސް އާ އެޕިސޯޑެއް ނެރެމުންދާނެއެވެ.
Ads by MACL
