ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އދ. ގެ ސަލާމަތީ މަޖިލީހުގެ ވީޓޯ ބާރު އުވާލައި، ކުދި ގައުމުތަކަށް ނިންމުންތައް ނިންމުމުގެ ހައްގު ދިނުމަށް ނައިބު ރައީސް ގޮވާލައްވައިފި

އދ. ގެ ސަލާމަތީ މަޖިލީހުގެ ވީޓޯ ބާރު އުވާލައި، ކުދި ގައުމުތަކަށް ނިންމުންތައް ނިންމުމުގެ ހައްގު ދިނުމަށް ނައިބު ރައީސް ގޮވާލައްވައިފި

އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ތަގުރީރު ކުރައްވަމުން ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވީ، ދުނިޔޭގެ ސުލްހައާއި އަމާންކަން ދެމެހެއްޓުމަށްޓަކައި އދ. އަށް އޮތް އިތުބާރު އިއާދަކުރަންޖެހޭ ކަމަށެވެ. އަދި އެކަން ކުރެވޭނީ އެ ޖަމިއްޔާގެ ހިންގުމުގެ ނިޒާމަށް ބޮޑެތި އިސްލާހުތަކެއް ގެނެސް، ސަލާމަތީ މަޖިލީހުގެ މެންބަރު ގައުމުތަކަށް ލިބިފައިވާ ވީޓޯ ކުރުމުގެ ބާރު އުވާލައިގެން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބު ރައީސްގެ ތަގުރީރުގައި ސަލާމަތީ މަޖިލީހުގެ މިހާރުގެ އޮގަނައިޒޭޝަނަށް ފާޑުވިދާޅުވަމުން ވިދާޅުވީ، މިއަދުގެ ދުނިޔެއަށް ގޮތް ނިންމާއިރު އެ މަޖިލީހަކީ 1945 ވަނަ އަހަރުގެ ދުނިޔެ ސިފަކޮށްދޭ ތަނަކަށް ވެގެންނުވާނެ ކަމަށެވެ. އެގޮތުން ސަލާމަތީ މަޖިލީހުގެ ދާއިމީ އަދި ދާއިމީ ނޫން ގޮނޑިތަކުގެ އަދަދު އިތުރުކުރަންޖެހޭ ކަމަށާއި، ތަރައްގީވަމުންދާ ކުދި ޖަޒީރާ ގައުމުތަކަށް އެ މަޖިލީހުން ދައުރުވާ ގޮތަށް ދާއިމީ ނޫން ގޮނޑިއެއް ކަނޑައެޅުމަކީ މަޖުބޫރު ކަމެއް ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން އެފްރިކާ ބައްރަށް އެތައް އަހަރެއް ވަންދެން ނުލިބި އޮތް ހަމަހަމަ ތަމްސީލުކުރުމުގެ ފުރުސަތު މިހާރުން މިހާރަށް ފަހިކޮށްދޭންޖެހޭ ކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، ކުދި ގައުމުތަކަށް އެނގެނީ މޫސުމީ ބަދަލުތަކާއި، މާލީ ދަތިތަކާއި، ވިޔަފާރިއާއި ސަޕްލައި ޗެއިންތަކުގެ އިތުރުން ސަލާމަތީ ކަންކަން ގުޅިލާމެހިފައިވާ މިންވަރު ކަމަށެވެ. އަދި ބާރުގަދަ ގައުމުތަކުގެ ކުރިމަތީގައި ކުދި ގައުމުތަކަށް އޮތް އެންމެ ވަރުގަދަ އައްޑަނައަކީ ބައިނަލްއަގުވާމީ ގާނޫނުތައް ކަމަށްވެސް ވިދާޅުވިއެވެ.

ސިޔާސީ ގުޅުންތަކާއި ގައުމެއްގެ ބާރަކީ ޒިންމާދާރުކުރުވުމުން އިސްތިސްނާވާން އޮތް ސަބަބަކަށް ވެގެންނުވާނެ ކަމަށް ވިދާޅުވަމުން، ނައިބު ރައީސް ފާހަގަކުރެއްވީ ރާއްޖެއިން އދ. ގެ އެކި ގުނަވަންތަކުގެ ގޮނޑިތަކަށް ކުރިމަތިލާން ނިންމާފައިވާ ކަމަށެވެ. އެއީ ކުދި ގައުމުތަކަކީ ހަމައެކަނި އެހެން ބަޔަކު ނިންމާ ނިންމުންތަކަށް ތަބާވާ ބައެއްގެ ބަދަލުގައި، އަމިއްލައަށް ނިންމުންތައް ނިންމާ މޭޒުދޮށުގައި ތިބޭ ބަޔަކަށް ހެދުމުގެ މަގުސަދުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތަގުރީރު ނިންމަވާލައްވަމުން ނައިބު ރައީސް ވިދާޅުވީ އދ. އަށް ގެންނަ އިސްލާހީ ބަދަލުތަކަކީ ހަމައެކަނި ލިޔެކިޔުމުގައި އޮންނަ ބަދަލުތަކަކަށް ނުވެ، އަމަލީ ގޮތުން ނަތީޖާ ނެރެދޭ ބަދަލުތަކަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އދ. ގެ ތާރީޚުގައި އެންމެ މުހިންމު އެއް ބަދަލުގެ ގޮތުގައި، އެ ޖަމިއްޔާގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އަންހެނަކު އިންތިޚާބުކުރުމަށް ރާއްޖެއިން ތާއީދުކުރާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.