އެމްޓީސީސީގެ މަޝްރޫޢުތައް އަވަސްކުރުމަށް މަހާޖައްރާފަށްވުރެ ތިންގުނަ ބޮޑު އާ ޑްރެޖަރެއް މި އަހަރު ގެންނަނީ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީން ހިންގުމަށް ހަވާލުކޮށް، ނުފެށި ހުރި ބިން ހިއްކުމުގެ މަޝްރޫޢުތައް ހުޅުވާލައި މަސައްކަތްތައް އަވަސްކުރުމުގެ ގޮތުން، އެ ކުންފުނީގައި މިހާރު ބޭނުންކުރާ "މަހާޖައްރާފު" އަށްވުރެ ތިންގުނަ ބޮޑު އާ ހޮޕާ ޑްރެޖަރެއް މިއަހަރުގެ ނިޔަލަށް ރާއްޖެއަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
ޕީއެސްއެމްގެ "ނޭޝަންސް ޗެޓް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ބިން ހިއްކުމުގެ ގާބިލުކަން އިތުރުކުރުމަށް ސެކިއުރ ކުރެވިފައިވާ މި އާ ޑްރެޖަރު ރާއްޖެ ގެނެވުމާއެކު، މަޑުޖެހިފައިވާ ބިން ހިއްކުމުގެ ބޮޑެތި މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
ޤައުމީ ތަރައްޤީގެ މަޝްރޫޢުތައް ރޭވިފައިވާ ހަލުވިމިނުގައި ކުރިއަށްގެންދިއުމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ މެދުއިރުމަތީގައި ފެށުނު ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔެއަށާއި ރާއްޖެއަށް ކުރިމަތިވި މާލީ ދަތިތައް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެކަމުގެ ސަބަބުން ސަރުކާރުގެ ހަރަދުތައް އަލުން ތަރުތީބުކުރަން ޖެހުނު ނަމަވެސް، އެކަށީގެންވާ ފިޔަވަޅުތަކާއެކު މިހާރު ވަނީ އެ ދަތިތަކުން އަރައިގަނެވިފައެވެ.
Ads by BMLރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ސަރުކާރުގެ އެންމެ ގިނަ މަޝްރޫޢުތައް ހިންގާ އެމްޓީސީސީގެ ހިންގުން ހަރުދަނާކޮށް، އެ ކުންފުންޏަށް ބޭރު ފައިސާ ނުވަތަ ޑޮލަރު ލިބޭނެ މަގުތައް ފަހިކުރުމުގެ މަސައްކަތްތައް ނިމެމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މަޝްރޫޢުތަކަށް ބޭނުންވާ ބޮޑުހިލައާއި އެހެނިހެން ތަކެތި ލަސްތަކެއް ނުވެ ލިބެން ފަށާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ދައުލަތުގެ މަޝްރޫޢުތަކުން ލިބޭ އާމްދަނީގެ އިތުރުން، އަމިއްލަ ވިޔަފާރިތަކުގެ ބޮޑެތި މަސައްކަތްތައް ވެސް ނަގައިގެން އަމިއްލައަށް އިތުރު އާމްދަނީ ހޯދޭނެ ފެންވަރަށް އެމްޓީސީސީގެ ޤާބިލުކަން އިތުރުކޮށް ވަރުގަދަކުރުން ކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
Ads by MACL
