ދިވެހި ފުޓްބޯޅައަށް އުފާވެރި ޚަބަރެއް: އޭއެފްސީން އެފްއޭއެމްގެ ދަރަނި މާފުކޮށް، ފަންޑިންގ ސަސްޕެންޝަން އުވާލައިފި
އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަން (އޭއެފްސީ) އިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް އަޅާފައިވާ ފައިނޭންޝަލް ސަސްޕެންޝަންގެ ފިޔަވަޅު އުވާލައި، އެފްއޭއެމުން އެ އިދާރާއަށް ދައްކަންޖެހި ނުދައްކާ އޮތް ބޮޑު ދަރަނި މާފުކޮށްދިނުމަށް އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީން ނިންމައިފިއެވެ.
މި ނިންމުމާއެކު އޭއެފްސީން ވަނީ އެފްއޭއެމުން ދައްކަންޖެހޭ 253،030 (ދެ ލައްކަ ފަންސާސް ތިން ހާސް ތިރީސް) އެމެރިކާ ޑޮލަރު އެއްކޮށް މާފުކޮށްދީފައެވެ.
މި މައްސަލައަކީ އެފްއޭއެމްގެ ކުރީގެ މެނޭޖްމަންޓުން 2023 ވަނަ އަހަރު އޭއެފްސީން ދީފައިވާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާކަން އޮޑިޓުން ފާހަގަވުމާ ގުޅިގެން ފެންމަތިވި މައްސަލައެކެވެ. އެ ފައިސާ އަނބުރާ ދެއްކުމަށް އޭއެފްސީން އެންގި ނަމަވެސް، އެކަން ކޮށްފައި ނުވާތީ 2024 ވަނަ އަހަރުން ފެށިގެން އޭއެފްސީން އެފްއޭއެމަށް ދޫކުރާ އެންމެހައި ފަންޑުތައް އޮތީ ސަސްޕެންޑްކޮށްފައެވެ.
Ads by BMLނަމަވެސް، މި ސަސްޕެންޝަން ނިމުމަކަށް ގެނެސްދިނުމަށާއި ދައްކަންޖެހޭ ފައިސާ މާފުކޮށްދިނުމަށް އެފްއޭއެމްގެ ފަރާތުން އޭއެފްސީގައި ރަސްމީކޮށް އެދުމާ ގުޅިގެން، އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީން ވަނީ އެ ދަރަނި މާފުކޮށްދީ، ފިޔަވަޅުތައް އުވާލަން ނިންމާފައެވެ. މީގެ އިތުރުން، 2027 ވަނަ އަހަރުން ފެށިގެން އޭއެފްސީގެ ފައިނޭންޝަލް ޕްރޮގްރާމްތަކުގައި ރާއްޖެއަށް އަލުން ބައިވެރިވެވޭ ގޮތަށްވެސް ވަނީ ހަމަޖައްސައިދީފައެވެ.
މިއީ އަޑިވަޅެއްގައި އޮތް ދިވެހި ފުޓްބޯޅަ އަލުން އާރާސްތުކޮށް، މާލީ ގޮތުން ހަމަމަގަށް އެޅުވުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. އަދި ކުރިއަށް އޮތް ތަނުގައި އޭއެފްސީގެ އެހީތެރިކަމާއެކު ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވައި ތަރައްޤީކުރުމަށް މަގުފަހިވެގެންދާނެ މުހިންމު ފުރުޞަތެކެވެ.
Ads by MACL
