ދެ ޖިންސުގެ ހުރިހާ އުމުރަކަށް، ފުޓުބޯޅަ އަދި ފުޓްސަލް ރެފްރީ ކޯހުގައި ބައިވެރިވުމަށް އެފްއޭއެމުން ހުޅުވާލައިފި
ރަސްމީ ރެފްރީއެއްގެ ގޮތުގައި ފުޓުބޯޅަ އަދި ފުޓްސަލްގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބޭސިކް ރެފްރީޒް ކޯހެއް ހިންގުމަށް ނިންމައި، އެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި ފާހަގަކޮށްލެވޭ ރެފްރީން އުފެއްދުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި ކޯހަކީ ހުރިހާ އުމުރުފުރައެއްގެ އަދި ދެ ޖިންސުގެ ފަރާތްތަކަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ ކޯހެކެވެ.
އެފްއޭއެމުން މައުލޫމާތު ދޭ ގޮތުގައި، މި ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ އެންމެ ދަށް ތައުލީމީ ފެންވަރަކީ ގްރޭޑް 7 ނިންމާފައިވުމެވެ.
Ads by BMLމި ކޯހަކީ ރެފްރީކަމުގެ ދާއިރާއަށް އަލަށް ވަންނަން ބޭނުންވާ ޒުވާނުންނަށާއި، މި ދާއިރާއިން ކުރިއަށްދާން ޝައުގުވެރިވާ ފަރާތްތަކަށް ލިބިގެންދާ ވަރަށް އަގުހުރި އަދި ރަނގަޅު ފުރުސަތެކެވެ. ކޯހުގެ ބައިވެރިންނަށް ފުޓުބޯޅަ އަދި ފުޓްސަލްގެ ގަވާއިދުތަކާއި، މެޗުތަކުގައި އަމަލީ ގޮތުން ރެފްރީކަން ކުރާނެ ގޮތުގެ އަސާސީ ތަމްރީނުތައް ފޯރުކޮށްދެވޭނެއެވެ.
މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 30 ސެޕްޓެމްބަރު 2026 ވާ ދުވަހުގެ ރޭގަނޑު 00:00 އެވެ.
އެހެންކަމުން، ރަސްމީ ރެފްރީއެއްގެ ގޮތުގައި ފުޓުބޯޅަ އާއި ފުޓްސަލްގެ މައިދާނަށް ނުކުތުމުގެ ހުވަފެން ދެކޭ ހުރިހާ ފަރާތްތަކަށް މި ފުރުސަތުގެ ބޭނުން ހިފުމަށް އެފްއޭއެމުން ވަނީ ދައުވަތު އަރުވާފައެވެ.
Ads by MACL
