މާޒިޔާގެ އެސިސްޓަންޓް ކޯޗަށް ބޮޑު އަދަބެއް: 10 މެޗަށް ސަސްޕެންޑްކޮށް 15،000 ރުފިޔާއިން ޖޫރިމަނާކޮށްފި!
ދިވެހި ޕްރިމިއަރ ލީގުގައި މިދިޔަ ސެޕްޓެމްބަރ 17، 2026 ގައި މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގައި ހިނގި ކުޅިވަރުގެ ރޫޙާ ޚިލާފު ޢަމަލުތަކާ ގުޅިގެން، މާޒިޔާގެ އެސިސްޓަންޓް ކޯޗު އަޙްމަދު ސުޒެއިރަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޑިސިޕްލިނަރީ ކޮމިޓީން ބޮޑު އަދަބެއް ކަނޑައަޅައިފިއެވެ.
މި ނިންމުމުގެ ދަށުން ސުޒެއިރަށް ވަނީ 10 މެޗުގެ ސަސްޕެންޝަނަކާއި 15،000 ރުފިޔާގެ ޖޫރިމަނާއެއް ކަނޑައަޅާފައެވެ.
އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމާފައިވާ ގޮތަށް ބަލާއިރު، މި އަދަބު ކަނޑައަޅާފައިވަނީ އެ އެސޯސިއޭޝަންގެ ޑިސިޕްލިނަރީ އެންޑް އެތިކްސް ކޯޑުގެ 34 ވަނަ މާއްދާގެ ދަށުންނެވެ.
Ads by BMLކޮމިޓީން ބުނެފައިވަނީ، މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަންގެ އެސިސްޓަންޓް ކޯޗު އަޙްމަދު ސުޒެއިރު 10 (ދިހަ) މެޗަށް ސަސްޕެންޑްކުރުމާއެކު، 15،000 (ފަނަރަ ހާސް) ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
މި ޖޫރިމަނާ ފައިސާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެފްއޭއެމްއަށް ދައްކަން ޖެހޭނެ ކަމަށް ކޮމިޓީން ވަނީ އަންގާފައެވެ.
އަދި، ކޮމިޓީގެ މި ނިންމުން އެޕީލްކުރަން ގަސްތުކުރާނަމަ، އެކަން ލިޔުމުން 7 (ހަތް) ދުވަހުގެ ތެރޭގައި އެސޯސިއޭޝަންއަށް އެންގުމަށްވެސް ވަނީ އަންގާފައެވެ. މި މައްސަލަ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ބެލީ، މެޗުގައި ހިނގައިދިޔަ ކުޅިވަރުގެ ރޫހާ ޚިލާފު ޢަމަލުތަކުގެ ސަބަބުންނެވެ.
Ads by MACL
