ފާއިތުވި ހަފުތާގައި ސްކޭމްތަކުގައި 4.5 ލައްކައަށްވުރެ ގިނަ ރުފިޔާ ގެއްލުނުއިރު، 2 ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިދީފި
އޮންލައިން މަކަރާއި ހީލަތުގެ މައްސަލަތައް ކުރީ ހަފުތާއަށްވުރެ އިތުރުވެ، ފާއިތުވި ހަފުތާގެ ތެރޭގައި އެކި ފަރާތްތަކުގެ އަތުން 454,767.32 ރުފިޔާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ އޭގެ ކުރީ ހަފުތާގައި މަކަރާއި ހީލަތުން ގެއްލުނު 358,000 ރުފިޔާއާ އަޅާބަލާއިރު ނިސްބަތުން އިތުރު އަދަދެކެވެ.
ފުލުހުން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭގޮތުގައި މިދިޔަ ހަފުތާގައި އެކަނިވެސް މަކަރާއި ހީލަތުގެ ޖުމްލަ 36 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މީގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އީ-ކޮމާސް ޕްލެޓްފޯމްތައް މެދުވެރިކޮށް ހިންގާފައިވާ ސްކޭމްތަކެވެ. އެގޮތުން ގެއްލުނު ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާގެ ތެރެއިން 218,645.00 ރުފިޔާ ފުލުހުންގެ މަސައްކަތުން ވަނީ އަނބުރާ ހޯދައިދީފައެވެ.
Ads by BMLމިފަދަ އޮންލައިން މަކަރާއި ހީލަތްތައް ހިންގުމުގައި އެންމެ އާންމުކޮށް ބޭނުންކޮށްފައިވަނީ ސޯޝަލް މީޑިއާ އާއި މެސެޖިންގް އެޕްލިކޭޝަންތަކާއި، އައިބޭ، ޓިކްޓޮކް، ފޭސްބުކް މާކެޓްޕްލޭސްގެ އިތުރުން ފޯން ކޯލްތަކާއި ފިޝިންގް ލިންކުތައް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ހުށަހެޅުނު މައްސަލަތަކުގެ ތަފްސީލަށް ބަލާއިރު، އީ-ކޮމާސް ސްކޭމްގެ 18 މައްސަލައެއްގެ އިތުރުން، ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގި 7 މައްސަލައަކާއި، އެހެން މީހެއްގެ ނަމުގައި އޮޅުވާލައިގެން ހިންގި އިމްޕާސަނޭޝަންގެ 4 މައްސަލައެއް ހިމެނެއެވެ. މީގެ އިތުރުން ބުކިންގް ކެންސަލޭޝަނާއި ރީފަންޑް ސްކޭމްގެ 3 މައްސަލައަކާއި، އިންވެސްޓްމެންޓް ސްކޭމްގެ މައްސަލައެއްގެ އިތުރުން އެހެނިހެން ބާވަތުގެ 2 މައްސަލައެއް ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.
ރާއްޖޭގައި މަކަރާއި ހީލަތުގެ މައްސަލަތައް ހިނގާ މިންވަރު އިތުރުވަމުންދިޔަ ނަމަވެސް، ގެއްލޭ ފައިސާ އަނބުރާ ހޯދައިދެވޭ މިންވަރު ނުވަތަ "ސްކޭމް ރިކަވަރީ ރޭޓް" އުޅެނީ ދުނިޔޭގެ ނިސްބަތުން އެންމެ ކުރީގައި ކަމަށް ފުލުހުން ދෑދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ހާމަކޮށްފައެވެ. އަދި މި ދާއިރާއިން ރާއްޖެއާ ވާދަކުރެވެނީ އިނގިރޭސިވިލާތާއި އެމެރިކާ ފަދަ ގައުމުތަކަށް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އަހަރުގެ މިހާތަނަށް ބަލާއިރު، ސްކޭމްތަކުގައި ފައިސާ ގެއްލުނު 852 މީހަކަށް އެމީހުންގެ ފައިސާ އެއްކޮށް އަނބުރާ ރައްދުކޮށްދެވިފައިވާ ކަމަށާއި، އިތުރު 320 މީހަކަށް ގެއްލުނު ފައިސާގެ ވަކި މިންވަރެއް ހޯދައިދެވިފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ އަމަލުތަކުން ރައްކާތެރިވުމަށްޓަކައި ނުދަންނަ ލިންކުތަކަށް ނުވަނުމަށާއި، އޮންލައިންކޮށް ވިޔަފާރިކުރުމާއި ފައިސާގެ މުއާމަލާތްތައް ކުރުމުގައި އިތުރަށް ސަމާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.
Ads by MACL
