ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރަސްމާލެ މަޝްރޫއުން ލިބޭ އާމްދަނީ މުޅި ފަތުރުވެރިކަމުގެ ދާއިރާއަށްވުރެ އިތުރުވާނެ, މިއީ ދޫކޮށްލެވެން ނެތް ކަމެއް: އެމްޕީ ކައްޕި

ރަސްމާލެ މަޝްރޫއުން ލިބޭ އާމްދަނީ މުޅި ފަތުރުވެރިކަމުގެ ދާއިރާއަށްވުރެ އިތުރުވާނެ, މިއީ ދޫކޮށްލެވެން ނެތް ކަމެއް: އެމްޕީ ކައްޕި

ފުށިދިއްގަރު ފަޅު ނުވަތަ ރަސްމާލޭގައި އަބޫދާބީގެ އީގަލް ހިލްސް ކުންފުނިން ހިންގުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫއުން ދިވެހި ސަރުކާރަށް ލިބޭނެ އާމްދަނީ، ރާއްޖޭގައި މިހާރު ހިންގާ މުޅި ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޖުމްލަ އާމްދަނީއަށްވުރެ އިތުރުވާނެ ކަމަށާއި މިއީ ދޫކޮށްލެވެން ނެތް މުހިންމު މަޝްރޫއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލީ އިބްރާހީމް ކައްޕި ވިދާޅުވެއްޖެއެވެ.

އެމްޕީ ކައްޕި ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް މަޝްރޫއުން ދައުލަތަށް ލިބޭނެ އާމްދަނީ، ރާއްޖޭގައި މިހާރު ހިންގަމުންދާ 179 ރިސޯޓާއި، 16 ހޮޓަލާއި، 920 ގެސްޓްހައުސްގެ އިތުރުން 165 ސަފާރީ އުޅަނދުން ޖުމްލަކޮށް ދައުލަތަށް ލިބޭ އާމްދަނީއަށްވުރެ އިތުރުވެގެންދާނެ ކަމަށެވެ. އަދި މިއީ ރާއްޖޭގެ މުސްތަގުބަލާ ގުޅިފައިވާ، ކޮންމެހެންވެސް ކުރިއަށް ގެންދަންޖެހޭ މުހިންމު މަޝްރޫއެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

https://twitter.com/IbrahimKappi/status/2105174236990247128

މި މަޝްރޫއު ކުރިއަށްގެންދާ އަބޫދާބީގެ އީގަލް ހިލްސްއަކީ ބެލްގްރޭޑް ވަޯޓަރފްރަންޓާއި، ބަޙްރައިންގެ މަރާސީ، އަދި ޝާރްޖާގެ މަރްޔަމް އައިލެންޑް ފަދަ ބައިނަލްއަގުވާމީ ބޮޑެތި މަޝްރޫއުތައް ވިލާތާއި މެދުއުރުމައްޗާއި އެފްރިކާގައި ތަރައްގީކޮށްފައިވާ މަޝްހޫރު ކުންފުންޏެކެވެ. ރަސްމާލެއިން ހިއްކާފައިވާ ބިމުގެ ތެރެއިން 500 ހެކްޓަރުގެ ސަރަހައްދެއްގައި ތަރައްގީކުރާ މި މަޝްރޫއަކީ 20 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެއްގެ އިތުރުން، މަޝްރޫއު ހިންގާ މުއްދަތުގެ ތެރޭގައި 30 ބިލިއަން ޑޮލަރުގެ ސީދާ ބޭރުގެ އިންވެސްޓްމަންޓް (އެފްޑީއައި) ރާއްޖެއަށް ވަންނާނެ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން މީހުން ދިރިއުޅޭ އިމާރާތްތަކާއި، ހޮޓާތަކާއި ރިސޯޓްތައް، މެރީނާ، ވިޔަފާރި ސެންޓަރުތައް، އޮފީސްތައް އަދި ތައުލީމީ، ސިއްހީ އަދި އިޖުތިމާއީ ޚިދުމަތްތައް ހިމެނޭހެން ވަސީލަތްތައް ތަރައްގީކުރެވޭނެއެވެ. އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއު އެއްކޮށް ނިންމައި ފުރިހަމަވާން ގާތްގަނޑަކަށް 10 އަހަރު ދުވަސް ނަގާނެއެވެ.

ރަސްމާލޭގެ ބާކީ އޮތް 1،000 ހެކްޓަރުގެ ބިން ޚާއްސަކޮށްފައިވަނީ ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަމަށެވެ. އެ ސަރަހައްދުގައި 150،000 އަށްވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ ޖާގަ ތަނަވަސްވެގެންދާނެއެވެ. މީގެ އިތުރުން، ދައުލަތަށް ލިބޭ 10 އިންސައްތައިގެ ސޭލްސް ރެވެނިއުގެ އެޑްވާންސް ފައިސާގެ ގޮތުގައި، ހުޅުމާލޭގައި 3 ކޮޓަރީގެ 5،000 ހައުސިންގް ޔުނިޓް އީގަލް ހިލްސްއިން އަމިއްލައަށް ހަރަދުކޮށްގެން ބިނާކޮށްދޭނެއެވެ. 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ މި ހައުސިންގް މަޝްރޫއަކީ ދައުލަތުން އެއްވެސް ދަރަންޏެއް ނަގަންނުޖެހޭ އަދި ސަރުކާރުގެ ސޮވަރިން ގަރަންޓީއެއްވެސް ދޭންނުޖެހޭ ގޮތަށް ހަމަޖެހިފައިވާ ކަމެކެވެ.

މި މަޝްރޫއުން ދައުލަތަށް ލިބޭނެ މަންފާތަކުގެ ތެރޭގައި، އެތަނުގައި ހިންގާ އެންމެހައި ވިއްކުންތަކުން އާންމު އުސޫލުން ނެގޭ ޖީއެސްޓީ ޓެކްސް ދައުލަތަށް ލިބުމުގެ އިތުރުން، މާކެޓް އަގުގައި ވިއްކާ ތަންތަނުގެ ސޭލްސް ރެވެނިއުގެ 10 އިންސައްތަ ދިވެހި ދައުލަތަށް ލިބުން ހިމެނެއެވެ.