ރަސްމާލެ ތަރައްގީ ކުރުމަކީ ސަރުކާރުގެ ޒިންމާއެއް، އެކަން ސަރުކާރުން ކުރާނެ: މެމްބަރ މުޙައްމަދު އިސްމާއީލް
ރަސްމާލެ މަޝްރޫޢު ތަރައްޤީ ކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށާއި، ރައްޔިތުންނާއި ޤައުމުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު އެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދަވާނެ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.
މެމްބަރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްނަންގަވައިގެން ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ހިންގަވާ އެންމެ ބޮޑު އެއް މަޝްރޫޢު ކަމަށްވާ ރަސްމާލެ ތަރައްޤީ ކުރުމުގެ މަސައްކަތަށް އިދިކޮޅު ފަރާތްތަކުން ފާޑުކިޔައި، ހުރަސްއެޅުމަށް މަސައްކަތް ކުރަމުންދާތީ އެކަމަށް ރައްދު ދެއްވަމުންނެވެ.
މުޙައްމަދު އިސްމާއީލް ވިދާޅުވީ، ރަސްމާލެ ޕްރޮޖެކްޓާ ގުޅޭގޮތުން ދިވެހި ރައްޔިތުންނާ ޙިއްޞާކުރަންޖެހޭ އެންމެހައި މަޢުލޫމާތުތައް ސަރުކާރުން ހާމަކުރައްވާނެ ކަމަށެވެ. އަދި ސަރުކާރުން ކޮންމެ ކަމެއްވެސް ކުރަމުންދަނީ ދިވެހި ރައްޔިތުންނާއި ދިވެހި ޤައުމުގެ ރައްކާތެރިކަން އެންމެ ފުރިހަމައަށް ކަށަވަރުކުރުމަށްފަހު ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.
Ads by BMLއިދިކޮޅު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން މުޙައްމަދު އިސްމާއީލް ވަނީ، ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން (ޗާގޯސް މައްސަލައިގައި) ބައެއް ދޫކޮށްލީ ނުވަތަ "ވިއްކާލީ" ކޮން ޤާނޫނެއްގެ ދަށުންތޯ ސާފުކޮށްދިނުމަށް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ ވެރިކަމުގައި ތިބެ ޤައުމަށް ބޮޑެތި ގެއްލުންތަކެއް ދިނުމަށްފަހު، މިއަދު ނިކުމެ ޤައުމާއި ރައްޔިތުންގެ ހައްޤުގައި ކަމަށް ބުނެ އަޑުއުފުލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ތިމާމެން ހޭވި ހަޑި ފުރަތަމަ ސާފުކުރަންޖެހޭ ކަމަށެވެ.
މީގެއިތުރުން މެމްބަރު ފާހަގަކުރެއްވި ގޮތުގައި، ރަސްމާލެ ޕްރޮޖެކްޓަކީ ފުރިހަމައަށް ދެފުށް ފެންނަ ގޮތަށް ކުރިއަށްދާނެ މަޝްރޫޢެކެވެ.
އަދި އެ މަޝްރޫޢުގެ ތެރޭގައި ދިވެހިރާއްޖޭގެ ޤާނޫނުތައް ފުރިހަމައަށް ހިނގާނެ ކަމަށާއި، އަބަދުވެސް އެންމެ އިސް ބާރުވެރިންނަކީ ދިވެހި ލޮބުވެތި ރައްޔިތުން ކަމުގައި އޭނާ ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫޢަކީ މާލެ ސަރަޙައްދުގެ ތޮއްޖެހުމަށް ހައްލެއް ހޯދައި، އެތައް ހާސް ރައްޔިތުންނަކަށް ގޯއްޗާއި ފްލެޓް ފޯރުކޮށްދިނުމަށްޓަކައި މި ސަރުކާރުން ފަށާފައިވާ ތާރީޚީ ބޮޑު މަޝްރޫޢެކެވެ.
ނަމަވެސް އިދިކޮޅު ފަރާތްތަކުން ދަނީ މި މަޝްރޫޢު ހުއްޓުވުމަށާއި، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންނެވެ
Ads by MACL
