މުޅި ޖީލެއްގެ ފުރުސަތުތަކެއް ގެއްލިގެން ނުވާނެ، ރަސްމާލެ ޕްރޮޖެކްޓް ހުއްޓުވިގެންވެސް ނުވާނެ: ޑީއެމްޑީ ރައްޒާން
ސިޔާސީ މަންފާއަކަށްޓަކައި ދޮގު މައުލޫމާތު ފަތުރައިގެން ރަސްމާލެ މަޝްރޫޢު ހުއްޓުވައި، މުޅި ޖީލެއްގެ ފުރުސަތުތައް ނަގާލަން ފުރުސަތު ދީގެން ނުވާނެ ކަމަށް އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ (ޑީއެމްޑީ) އަޙްމަދު ރައްޒާން ވިދާޅުވެއްޖެއެވެ.
ރައްޒާން ވިދާޅުވީ، ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ޢަމަލުކުރަމުންދަނީ ވަކި އުސޫލަކުން ކަމަށެވެ. އެގޮތުން ފުރަތަމަ އެކަމެއް ނުވާނެ ކަމަށް ބުނުމަށްފަހު، ވެދާނެ ގޮތްތަކުގެ ވާހަކަ ދޮގު ހަދައިގެން ދައްކައި ރައްޔިތުން ބިރުގަންނަވަން މަސައްކަތްކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއަށްފަހު އިންވެސްޓަރުންނަށާއި، މަސައްކަތްތެރިންނަށާއި، މަޝްރޫޢަށް ހަމަލާދެނީ އެ ފުރުޞަތު ގެއްލިގެންދަންދެން ކަމަށާއި، އެ ފުރުޞަތު ގެއްލުމުން އޭގެ ހުރިހާ ގެއްލުމެއް ލިބިގެންދަނީ އާދައިގެ ނިކަމެތި ދިވެހި ރައްޔިތުންނަށް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރަސްމާލެ މަޝްރޫޢުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން ރައްޒާން ވަނީ މީރާގެ 2025 ވަނަ އަހަރުގެ ހިސާބުތަކާ އަޅާކިޔުއްވާފައެވެ. އެގޮތުން، 179 ރިސޯޓާއި، 16 ހޮޓަލާއި، 920 ގެސްޓްހައުސް އަދި 165 ސަފާރީ އުޅަނދު ހިމެނޭ މުޅި ފަތުރުވެރިކަމުގެ ދާއިރާއަކީ 13.7 ބިލިއަން ޔޫއެސް ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށާއި، އެ ދާއިރާއިން ޓެކުހާއި ކުލީގެ ގޮތުގައި ދައުލަތަށް 1.096 ބިލިއަން ޔޫއެސް ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
Ads by BMLލަފާކުރެވޭ ހިސާބުތަކަށް ބަލާއިރު، އިރާދަކުރެއްވިއްޔާ ހަމައެކަނި 'ރަސްމާލެ–އީގަލް ހިލްސް' މަޝްރޫޢުން ވެސް އިންވެސްޓްމަންޓާއި އަހަރީ އާމްދަނީގެ ގޮތުން މި ދެންނެވި އަދަދުތަކަށްވުރެ އިތުރުވާނެ ކަމަށް ރައްޒާން ވިދާޅުވިއެވެ. މީގެއިތުރުން، މި މަޝްރޫޢުގެ ސަބަބުން ސީދާ އަދި ނުސީދާ ގޮތެއްގައި 54،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު އުފެދިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއީ އެއްވެސް މާނައެއް ނެތް ހިސާބުތަކެއް ނޫން. މިއީ ދިވެހި ޢާއިލާތަކަށް ލިބޭނެ މުސާރަ. އަޅުގަނޑުމެންގެ ޒުވާނުންނަށް ލިބޭނެ ހުނަރުވެރި ކެރިއަރ ފުރުޞަތުތައް. ގާތުން ލިބޭނެ ވަޒީފާތައް. ދިވެހި ވިޔަފާރިތަކަށް ލިބޭނެ ފައިދާއާއި ކޮންޓްރެކްޓްތައް. އަދި އަޅުގަނޑުމެންގެ ޤައުމަށް ލިބިގެންދާނެ ބޮޑު އާމްދަނީ،" ރައްޒާން ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން އަދިވެސް ހަޤީޤަތާ ޚިލާފު ދޮގު ވާހަކަތައް ފަތުރަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވަމުން ރައްޒާން ވިދާޅުވީ، ދޮގު މަޢުލޫމާތު ފެތުރުމުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ގެއްލި، މަޝްރޫޢުތައް ހިންގަން ދަތިވެ، ވަޒީފާތަކަށް ނުރައްކާވެ، ވިޔަފާރިތަކަށް ފުރުޞަތުތައް ގެއްލިގެންދާނެ ކަމަށެވެ. އަދި އެންމެ ފަހުން އޭގެ ގެއްލުން ތަޙައްމަލުކުރަން ޖެހޭނީ ދިވެހި ރައްޔިތުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޒާންގެ ވާހަކަ ނިންމަވާލައްވަމުން ވަނީ، ހަމައެކަނި ސިޔާސީ ގޮތުން މޮޅެއް ހޯދުމުގެ ބޭނުމުގައި މުޅި ޖީލެއްގެ މުސްތަޤުބަލާއި ފުރުޞަތުތައް ނަގާނުލުމަށް އިދިކޮޅު ފަރާތްތަކަށް ގޮވާލައްވާފައެވެ.
Ads by MACL
