ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރަސްމާލެ މަޝްރޫއުއަކީ މީގެ ކުރިން ރާއްޖޭގައި ގާއިމްވެފައި ނުވާ ވަރުގެ ބޮޑު މަޝްރޫއެއް، މުޅި އިގްތިސާދަށް ފައިދާވާނެ: އެމްޑީ ފަހުމީ

ރަސްމާލެ މަޝްރޫއުއަކީ މީގެ ކުރިން ރާއްޖޭގައި ގާއިމްވެފައި ނުވާ ވަރުގެ ބޮޑު މަޝްރޫއެއް، މުޅި އިގްތިސާދަށް ފައިދާވާނެ: އެމްޑީ ފަހުމީ

ރަސްމާލެ މަޝްރޫޢަކީ މީގެ ކުރިން ދިވެހިރާއްޖޭގައި މިހާތަނަށް ޤާއިމުކުރެވިފައި ނުވާ ފަދަ ބޮޑު، އަދި މުޅި ޤައުމުގެ އިޤްތިޞާދަށް އިންޤިލާބީ ފައިދާތަކެއް ގެނެސްދޭނެ ބިޔަ މަޝްރޫޢެއް ކަމަށް މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ( އެމްޑަބްލިއުއެސްސީ) މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްނަންގަވައިގެން ކުރިއަށްގެންދަވާ މި މަޝްރޫޢުގެ އިޤްތިޞާދީ މުހިންމުކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ، ރަސްމާލެ މަޝްރޫޢުގެ އިޤްތިޞާދީ އަމާޒަކީ ރާއްޖޭގެ ތާރީޚުގައި ވެސް މިހާތަނަށް ތަޞައްވުރު ކުރެވިފައި ނުވާ މިންވަރުގެ ފުޅާ އަދި ވަރުގަދަ އަމާޒެއް ކަމަށެވެ.

އެގޮތުން، މި މަޝްރޫޢުގެ ދަށުން ކުރިއަށްދާ އީގަލް ހިލްސްގެ އިންވެސްޓްމަންޓުން އެކަނި ވެސް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރެވޭ އާމްދަނީ އިންތިހާއަށް ބޮޑުވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ފިސްކަލް އަންދާޒާތަކުން ދައްކާ ގޮތުގައި، ހަމައެކަނި އީގަލް ހިލްސްގެ އިންވެސްޓްމަންޓުން ދައުލަތަށް ލިބޭނެ ކަމަށް ބެލެވޭ އާމްދަނީ، މިހާރު ރާއްޖޭގެ މުޅި ފަތުރުވެރިކަމުގެ ސެކްޓަރުން ލިބޭ ޖުމްލަ އާމްދަނީއަށްވުރެ ވެސް އިތުރުވާނެއެވެ. އެއީ މިހާރު ރާއްޖޭގައި ހިންގަމުންދާ 179 ރިޒޯޓާއި، 16 ހޮޓަލާއި، 920 ގެސްޓްހައުސް އަދި 165 ސަފާރީ އުޅަނދު އެކުވެގެން ދައުލަތަށް ލިބޭ ޖުމްލަ އާމްދަނީއަށްވުރެ ބޮޑު ޢަދަދެކެވެ.

ފަހުމީ އިތުރަށް ވިދާޅުވީ، މިފަދަ ބޮޑެތި އިންވެސްޓްމަންޓްތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުވެ، ޤައުމުގެ އިޤްތިޞާދު ސިންދަފާތުވެގެންދާނެ ކަމަށެވެ. އަދި މީގެ ހެޔޮ އަސަރު މުޅި ރާއްޖޭގެ ރައްޔިތުންނަށާއި، ޤައުމުގެ ކުރިމަގުގެ ތަރައްޤީއަށް ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.