ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އައްޑޫ ސިޓީގެ ކަރަންޓުގެ ޚިދުމަތާ ސްޓެލްކޯއިން ރަސްމީކޮށް ޙަވާލުވެއްޖެ

އައްޑޫ ސިޓީގެ ކަރަންޓުގެ ޚިދުމަތާ ސްޓެލްކޯއިން ރަސްމީކޮށް ޙަވާލުވެއްޖެ

އައްޑޫ ސިޓީގެ ކަރަންޓުގެ ޚިދުމަތް ރަނގަޅު ފެންވަރެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި، އެ ސިޓީގެ ކަރަންޓުގެ ޚިދުމަތާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ރަސްމީކޮށް މިއަދު ޙަވާލުވެއްޖެއެވެ.

ސްޓެލްކޯއިން އައްޑޫ ސިޓީގައި ކަރަންޓުގެ ޚިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދު ވަނީ އައްޑޫ ސިޓީ ހިތަދޫގައި ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޤައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރެވެ. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު މުޒްނާއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވީ، މީގެ 17 އަހަރު ކުރިންވެސް އައްޑޫ ސިޓީގައި ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އައްޑޫ ސިޓީގެ ކަރަންޓުގެ ޚިދުމަތް އަލުން އަނބުރާ ސްޓެލްކޯއާ ޙަވާލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ، އައްޑޫގެ ރައްޔިތުންނަށް އިތުބާރުހުރި އަދި ދެމެހެއްޓެނިވި ޚިދުމަތެއް ކަށަވަރުކޮށްދެއްވުމަށް އެމަނިކުފާނު އެޅުއްވި ވަރަށް މުހިންމު ފިޔަވަޅެއްކަން ޑރ. އަޒުވަރު ފާހަގަކުރެއްވިއެވެ.

އައްޑޫ ސިޓީގެ ކަރަންޓުގެ ޚިދުމަތަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދައިދީ، ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ސްޓެލްކޯއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރުމަށް ތައްޔާރުވަމުންނެވެ.