ދިވެހި ވަޠަނީ ޚިދުމަތަށް އަހަރެއް: 1،000 އަށްވުރެ ގިނަ ޒުވާނުން ތަމްރީނުކޮށްފި
ދިވެހި ޒުވާނުންގެ ކުރިމަގު ބައްޓަންކޮށް އުޖާލާކޮށްދިނުމުގެ މަޤްޞަދުގައި ސަރުކާރުން އިފްތިތާޙުކުރި "ދިވެހި ވަޠަނީ ޚިދުމަތް" (ނޭޝަނަލް ސަރވިސް) ޕްރޮގްރާމަށް އަހަރެއް ފުރުމާ ގުޅިގެން، ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި 1,000 އަށްވުރެ ގިނަ ޒުވާނުން ތަމްރީނު ކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މި މުނާސަބަތާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 1 އޮކްޓޫބަރު 2025 ގައި ފެށި މި ޚިދުމަތުގެ ތެރެއިން ކޮންމެ އަހަރަކު 1،000 ޒުވާނުން ތަމްރީނު ކުރުމަށް ސަރުކާރުން ކަނޑައެޅި ލަނޑުދަނޑި ފުރަތަމަ އަހަރުވެސް ވަނީ ޙާޞިލް ކުރެވިފައި ކަމަށެވެ. މިއީ ދިވެހި ޒުވާނުންނަށްޓަކައި ކާމިޔާބު އަދި އުފެއްދުންތެރި މަސައްކަތްތަކެއް ކުރެވުނު އަހަރެއްގެ ގޮތުގައި އެމަނިކުފާނު ސިފ ކުރެއްވިއެވެ.
ތަފާއިތުތަކަށް ބަލާއިރު، ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގގެ ތެރެއިން 1,028 ދިވެހި ޒުވާނުން ތަމްރީނު ކުރެވުނުއިރު، ނޭޝަނަލް ސަރވިސް ސްކިލް ޓްރޭނިންގ ޕްރޮގްރާމުން 136 ޒުވާނުން ވަނީ ތަމްރީނު ކުރެވިފައެވެ. މިއީ ޒުވާނުންގެ ޤާބިލުކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
Ads by BMLމި ޕްރޮގްރާމްގެ ކުރިމަގަށް ބަލާއިރު، ނޭޝަނަލް ސަރވިސްގެ ތެރެއަށް ފަންނީ އިތުރު ދާއިރާތައް ތަޢާރަފްކުރުމާއި، އިންޓަރންޝިޕް ޕްރޮގްރާމްތައް ފެށުމަށް ސަރުކާރުން ވަނީ ރާވާފައެވެ. އަދި ތަމްރީނުތައް ފުރިހަމަކުރާ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި ނޭޝަނަލް ކެރިއަރ ސަރވިސްގެ ދައުރު އިތުރަށް ފުޅާކުރުމަކީވެސް ސަރުކާރުގެ މުހިންމު އަމާޒެކެވެ.
މި މުނާސަބާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތަމްރީނުތައް ފުރިހަމަކުރި ޒުވާނުންނަށާއި އެފަރާތްތަކުގެ ޢާއިލާތަކަށް ތަހުނިޔާ ދަންނަވައި، މުޅި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ޝާމިލުވި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
Ads by MACL
