ޗައިނާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް މުޢިއްޒު ތަހުނިޔާ ފޮނުއްވައިފި
ޗައިނާގެ ސަރުކާރު އުފެދުނުތާ 77 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން، އެ ޤައުމުގެ ރައީސް ޝީ ޖިންޕިންގް އަށާއި ސަރުކާރަށް، އަދި އެންމެހައި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ډޮކްޓަރ މުޙައްމަދު މުޢިއްޒު މަރުޙަބާއާއި ހެޔޮއެދުންތައް އަރިސްކުރައްވައިފިއެވެ.
ރައީސް މުޢިއްޒު އިޖުތިމާޢީ މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުމަކީ ދެފަރާތުގެ އިޙްތިރާމާއި އިޢުތިބާރުގެ މައްޗަށް ބިނާވެފައިވާ، އަދި ދެ ޤައުމުގެ ފާގަތިކަމަށް އަމާޒުހިފާފައިވާ ބަދަހި އެކުވެރިކަމެކެވެ.
ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކުގައި ޗައިނާއަކީ އަބަދުވެސް ސާބިތުކަމާއެކު ދެމިއޮތް މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވަމުން، ދެ ޤައުމުގެ ގުޅުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް އޭގެ އެދެވޭ މަންފާއާއި ގިނަ ފުރުޞަތުތަކެއް ފަހިވަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
Ads by BMLމީގެއިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް "އިންޓެގްރޭޓެޑް ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް" އިތުރު ހަރުފަތަކަށް ގެންގޮސް، ސިލްސިލާ ގުޅުންތައް އިތުރަށް ވަރުގަދަކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވިއެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވަމުން އެދިވަޑައިގެންނެވީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުން ދުވަހެއް ދުވަހަކަށް ބަދަހިވެ، ޗައިނާއަށް އިތުރު ކުރިއެރުމާއި ފާގަތިކަން ލިބެމުންދިއުމަށެވެ.
އޮކްޓޫބަރު 1 ވަނަ ދުވަހަކީ 1949 ވަނަ އަހަރު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ (ޕީއާރްސީ) އުފެދުނުކަން އިޢުލާނުކުރި ތާރީޚީ ދުވަހަށްވާތީ، އެ ޤައުމުގެ އެންމެ ބޮޑު ޤައުމީ ޢީދުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.
ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ރަސްމީކޮށް ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 1972 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުއެވެ. މިއަހަރަކީ ދެ ޤައުމުގެ ޚާރިޖީ ގުޅުމަށް 54 އަހަރު ފުރޭ އަހަރެވެ.
Ads by MACL
