ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދޮންކަލޯގެ ފަންޑްރައިޒިން އިވެންޓް: 15 ހާސް މީހުން ލައިވްގަ، ބޭންކުތަކުގެ އެޕް ޑައުންވެއްޖެ!!

ދޮންކަލޯގެ ފަންޑްރައިޒިން އިވެންޓް: 15 ހާސް މީހުން ލައިވްގަ، ބޭންކުތަކުގެ އެޕް ޑައުންވެއްޖެ!!

ބ. ހިތާދޫ، ހަސަން ފަޔާޒް (ފަޔާ) އަދި އޭނާގެ ލޯބިވާ ހާއްސަ އެހީއަށް ބޭނުންވާ ދަރިފުޅު "ދޮންކަލޯ" އަށް އެހީތެރިވުމުގެ ގޮތުން ޓިކްޓޮކްގައި ކުރިއަށްގެންދިޔަ ފަންޑްރައިޒިން ލައިވް އިވެންޓަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބި، އެއްފަހަރާ ގިނަ އަދަދެއްގެ ފައިސާ ޓްރާންސްފާ ކުރަން ފެށުމުން ބޭންކުތަކުގެ އެޕްލިކޭޝަންތަކަށް ބާރުބޮޑުވެ ޑައުންވާ ހިސާބަށް ހިނގައްޖެއެވެ.

މި ފަންޑްރައިޒިން އިވެންޓަކީ އެމްޓީޕީ އާއި މަރިޔަމް ސަމާގެ ޓީމުން އިސްނަގައިގެން، ފަޔާ ހަދަމުންދާ އާ ގެ އަވަހަށް ނިންމައި ދޮންކަލޯއަށް ފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމުގެ މަތިވެރި މަގުސަދުގައި ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި ލައިވް ކުރިއަށް ދިޔަ ވަގުތު އެއްފަހަރާ 15،000 އަށް ވުރެ ގިނަ މީހުން ވަނީ ލައިވްއާ ގުޅި، އެ ދެބަފައިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބައިވެރިވެފައެވެ.

ފަޔާޒަކީ ދިރިއުޅުމުގެ 24 ގަޑިއިރު ދަރިފުޅަށް ހުސްކޮށްގެން، ހާއްސަ އެހީއަށް ބޭނުންވާ އެ ކުއްޖާ ބެލުމުގައި ނަމޫނާ ކެތްތެރިކަމަކާއި އޯގާތެރިކަމެއް ދައްކަމުން އަންނަ ލާމަސީލު ބައްޕައެކެވެ. ޓިކްޓޮކް ވީޑިއޯތަކުން ފެންނަ ގޮތުގައި، ދަތި ކުޑަ ގެއެއްގައި އެކަނިމާއެކަނި ދަރިފުޅުގެ ހުރިހާ ކަމެއް ކުރަމުން އަންނައިރުވެސް އޭނާގެ ފަރާތުން ފެންނަނީ މަޑުމައިތިރިކަމާއި އިންތިހާ ލޯތްބެވެ.

ފަޔާމެން މިހާރު ދިރިއުޅެމުންދާ މުސްކުޅި ގޭގެ މާހައުލަކީ ވަރަށް ބަންދު، ދޮންކަލޯއަށް ދުވެލާނެ ޖާގައެއް ނެތް އަދި އިންތިހާއަށް ހޫނުގަދަ ތަނެކެވެ. އެހެންކަމުން ދޮންކަލޯއަށް ރަނގަޅު މާހައުލެއް ހޯދައިދިނުމަށްޓަކައި، ފަޔާގެ މަންމައަށް ލިބިފައިވާ ތަނެއް ބޮޑުކޮށް، އަލުން ހިޔާކޮށްފައި ވީނަމަވެސް، ތަޅުން އެޅުމާއި މުށި ޖެހުން ފަދަ މުހިންމު މަސައްކަތްތައް އަދިވެސް އޮތީ ނުނިމިއެވެ.

މި އާއިލާ މިހާރު ދިރިއުޅެމުން ދަނީ ދޮންކަލޯއަށް ލިބޭ ނުކުޅެދުންތެރިކަމުގެ އެލަވަންސާއި، ފަޔާޒު ގޭގެއިން ރުއްކަނޑައިދީގެން ލިބޭ ކުޑަ ފައިސާކޮޅުންނެވެ. ރަށުން ވަޒީފާއެއް ލިބުނު ނަމަވެސް، ދޮންކަލޯ ރުޅިގަދަވާ ހާލަތްތަކުގައި މަންމަމެންނަށްވެސް ހިފަހައްޓައި ނުލެވޭތީ، ދަރިފުޅު ދޫކޮށްފައި ވަޒީފާއަކަށް ދިޔުމުގެ ފުރުސަތެއް ފަޔާޒަކަށް ނޯވެއެވެ.

އޭނާގެ ހަމައެކަނި ހުވަފެނަކީ އަވަހަށް އެ ގެ ނިންމައި، ދޮންކަލޯއަށް ޖާގަ ތަނަވަސް، ފަސޭހަ މާހައުލެއް ހޯދައިދިނުމެވެ.
މިރޭ ކުރިއަށްދިޔަ މި ހަރަކާތަކީ ދިވެހިންގެ އެއްބައިވަންތަކަމާއި އޯގާތެރިކަން އަނެއްކާވެސް ސާބިތުކޮށްދިން އިވެންޓެކެވެ. އެމްޓީޕީ، ސަމާ އަދި މުޅި ޓިކްޓޮކް ކޮމިއުނިޓީ ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތުގެ ސަބަބުން، ފަޔާއާއި ދޮންކަލޯގެ ދިރިއުޅުމުގެ ބޮޑު ހުވަފެން ހަގީގަތަކަށް ވެގެންދާނެ ކަމުގެ އުއްމީދު މިހާރު ވަނީ އާވެފައެވެ.