ދޮންކަލޯއަށް 1.2 މިލިއަން ރުފިޔާ، ޓިކްޓޮކުގެ ފަންޑްރެއިޒިންގެ ރެކޯޑް! މިއީ ދިވެހީން!
ޚާއްޞަ އެހީއަށް ބޭނުންވާ އުމުރުން 19 އަހަރުގެ ފައްޔާހް ހަސަން ފަޔާޒް (ދޮންކަލޯ) އަށް ރައްކާތެރި ދާއިމީ ބޯހިޔާވަހިކަމެއް ހޯދައިދިނުމަށް ދިވެހި ޓިކްޓޮކް ކޮމިއުނިޓީން އިސްނަގައިގެން ކުރިއަށްގެންދިޔަ ޚާއްޞަ ފަންޑްރައިޒިން އިވެންޓުން، ރެކޯޑް އަދަދެއް ކަމަށްވާ 1.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.
"ހިޔާ ފޯ ދޮންކަލޯ" ގެ ނަމުގައި މިރޭ 21:00 ގައި ފެށި މި ޚާއްޞަ ލައިވް އިވެންޓް ކުރިއަށް ގެންގޮސްފައިވަނީ ދޮންކަލޯގެ ބައްޕަ، ފަޔާޒްގެ ރަސްމީ ޓިކްޓޮކް އެކައުންޓް (fayazhassan48) މެދުވެރިކޮށެވެ. ދިވެހި ޓިކްޓޮކް ކޮމިއުނިޓީގެ މަޝްހޫރު އެމް.ޓީ.ޕީ އާއި މަރިޔަމް ސަމާ އިސްނަގައިގެން ކުރިއަށްގެންދިޔަ މި ބޮޑު ހަރަކާތުގައި، ރާއްޖޭގެ ޓިކްޓޮކްގައި ފާހަގަކޮށްލެވޭ ގިނަ އަދަދެއްގެ ހޯސްޓުން ވަނީ ބައިވެރިވެ، ފައިސާ ހޯދުމުގެ މަސައްކަތުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.
ބ. ހިތާދޫގައި ދިރިއުޅެމުންދާ ފަޔާޒް އާއި އޭނާގެ ދަރިފުޅު ދޮންކަލޯ އާންމުންގެ ސަމާލުކަމަށް އައީ ޓިކްޓޮކް މެދުވެރިކޮށެވެ. ޚާއްޞަ އެހީއަށް ބޭނުންވާ ދަރިފުޅު ގޮވައިގެން ފަޔާޒް ހިއްސާކުރާ ވީޑިއޯތަކާއި ލައިވްތަކުން އެ ދެބަފައިން ދިރިއުޅެމުންދާ ނިކަމެތި ހާލަތާއި، އެމީހުން ދިރިއުޅޭ ގޭގެ ދަތި ހާލަތު އާންމުންނަށް ފެނިގެންދިޔައެވެ. އެ މަންޒަރުތައް ފެނި، ފަޔާޒް އަޅަން ފަށައި ނުނިމި ހުރި ގެ ނިންމުމަށް އެހީތެރިވުމުގެ މަސައްކަތް ޓިކްޓޮކް ތަރި އެމްޓީޕީ އަދި ސަމާ ފެށިއެވެ.
Ads by BMLމިރޭ ބޭއްވި މި އިވެންޓުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ އަދަދެއްގެ ދިވެހިން އެއްފަހަރާ މަސައްކަތް ކުރުމުގެ ސަބަބުން، އެކައުންޓް ލިމިޓް ހަމަވެ ފައިސާ ޓްރާންސްފާ ކުރުމުގައި ބައެއް ދަތިތަކާ ވެސް ކުރިމަތިވިއެވެ. އެހެން ނަމަވެސް، ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަކަމާއި ދީލަތިކަމާއެކު، ވަރަށް ކުރު ވަގުތުކޮޅެއްގެ ތެރޭގައި ވަނީ ކަނޑައެޅި ޓާގެޓް ފުރިހަމަކޮށް، 1.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަމަކޮށްފައެވެ. މި ލައިވް ކުރިއަށްދިޔަ ވަގުތު އެއްފަހަރާ ގާތްގަނޑަކަށް 12،000 (ބާރަ ހާސް) މީހުން ލައިވް ބަލަމުން ދިޔައެވެ.
ފަޔާޒް ކިޔައިދިން ގޮތުގައި ދޮންކަލޯ ކުޑައިރު ވެސް އޯޓިޒަމްގެ އަލާމާތްތައް ފެނުނެވެ. އެގޮތުން ބަނޑުހައިވިޔަސް ނުރޮއުމާއި، އައިކޮންޓެކްޓް ނުކުރުމާއި، ގޮވުމުން ސަމާލުކަން ނުދިނުމުގެ އިތުރުން ބޮޑުވަމުން އައިއިރު ވާހަކަ ނުދެއްކޭކަން ފާހަގަވިއެވެ. އަދި އޭނާ ނިދައި ހޭލަނީ ވެސް ބޭނުން ގަޑިއެއްގައެވެ. ކޮވިޑްގެ ކުރިން ތެރަޕީ ދިން ނަމަވެސް، މާލީ ދަތިކަމާ ހުރެ ފަހުން އެ ފަރުވާ ވަނީ މެދުކެނޑިފައެވެ.
ދޮންކަލޯގެ އުމުރުން 13 އަހަރާ ހަމައަށް މަންމަ ބެލުމަށްފަހު، ދަރިފުޅު ބެލުމާ ހަވާލުވީ ފަޔާޒެވެ. އެއާއެކު ކަސްޓަމްސްގައި އަދާކުރަމުންދިޔަ ވަޒީފާ ދޫކޮށްލުމަށްފަހު އޭނާ ރަށަށް ބަދަލުވިއެވެ. މިހާރު ފަޔާޒް އާމްދަނީ ހޯދަނީ ރުއް ކަނޑައިގެންނާއި ސަރުކާރުން ދޭ އެލަވެންސުންނެވެ.
ފަޔާޒް ބުނި ގޮތުގައި މިހާރު ދިރިއުޅޭ ގޭގައި ތަން ދަތިވެ، ބަންދުވެފައި ހުންނަން ޖެހުމުން ދޮންކަލޯ ވަރަށް ބޮޑަށް ރުޅިގަދަވެއެވެ. އޭނާގެ އެންމެ ބޮޑު އުންމީދަކީ ހަދަން ފަށައި ހުއްޓިފައިވާ ގޭގެ ތަޅުން އެޅުމާއި، މުށި ޖެހުމާއި، ވަށާފާރު ރޭނުމުގެ މަސައްކަތް ނިންމައި އެ ގެއަށް ބަދަލުވުމެވެ. މިރޭ އެއްކުރެވުނު ފައިސާ މުޅިންވެސް ޚަރަދުކުރާނީ އެ ގެ އިމާރާތްކޮށް، ދޮންކަލޯއަށް އަމާން އަދި ތަނަވަސް މާހައުލެއް ހޯދައިދިނުމަށެވެ. މިއީ އެފަދަ ކުއްޖަކަށް ރައްކާތެރި ދިރިއުޅުމެއް ހޯދައިދިނުމަށް ދިވެހި މުޖުތަމައު ގުޅިގެން ދެއްކި ފުރިހަމަ ނަމޫނާއެކެވެ.
Ads by MACL
