އެމްޑީޕީގެ އިންވެސްޓްމަންޓް ފޯރަމަކީ ސަރުކާރުގެ މަޝްރޫއުތަކުގެ އަގުވައްޓާލަން ކުޅޭ ޑްރާމާއެއް: ޝާހިދު
އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން ކުރިއަށްގެންދިޔަ އިންވެސްޓްމަންޓް ފޯރަމަކީ ސަރުކާރުން ގެންނަމުންދާ ބޮޑެތި އިންވެސްޓްމަންޓްތަކުގެ ކުލަ ކަނޑުވާލުމުގެ ނިޔަތުގައި ކުޅެމުންދާ ސިޔާސީ "ޑްރާމާއެއް" ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ގޮތުގައި، އިދިކޮޅު އެމްޑީޕީގެ ކޮންގްރެސްއިން އަނެއްކާވެސް ފެނިގެން މިދަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ރިޔާސީ ކެމްޕޭނު ދުވަސްވަރު ދެއްކެވި ފަދަ ހުވަފެނީ "މެނިފެސްޓޯ" ތަކުގެ ސިޔާސީ ކުޅިވަރެކެވެ. އަދި ރައްޔިތުންނަށް އަބަދުވެސް ކުލަކުލައިގެ ޕްރޮޕޯސަލްތައް ދެއްކި ނަމަވެސް، އޭގެން ލިބޭ ހަގީގީ ނަތީޖާއަކީ އެއްވެސް ސިފައެއް ނެތް ބިލާހެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އިންވެސްޓްމަންޓް ފޯރަމެއްގެ ނަމުގައި ކައުންސިލަރުން ލައްވައި ޕްރެޒެންޓޭޝަންތައް ހުށަހެޅުއްވި ނަމަވެސް، އެ ތަނުގައި ތިބީ ހަމައެކަނި އެމްޑީޕީގެ އަމިއްލަ ޕާޓީގެ އެކްޓިވިސްޓުން ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ. އެ ފޯރަމްގައި އިންވެސްޓަރުން ތިބީ ކޮން ތަނެއްގައިތޯ ސުވާލު އުފައްދަވަމުން، މިއީ ހަގީގީ އިންވެސްޓްމަންޓް ފޯރަމެއް ނޫން ކަމަށާއި، ހަމައެކަނި ސިޔާސީ އެގްޒިބިޝަނެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
Ads by BMLމިފަދަ ކަންކަމަކީ މިހާރުގެ ސަރުކާރުން ގެނެސްފައިވާ ބިޔަ އިންވެސްޓްމަންޓްތައް ހަޖަމުނުކުރެވިގެން، ކޮންގްރެސްގެ ތެރެއިން ހުވަފެނީ ޕްރޮޕޯސަލްތަކެއް ދައްކައިގެން ސަރުކާރުގެ ބޮޑެތި އިންވެސްޓްމަންޓްތަކުގެ ކުލަ ކަނޑުވާލުމަށްޓަކައި ރާވައިގެން ހިންގާ ކުޅިގަނޑެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ، ސިޔާސީ މަންފާއަށްޓަކައި ކުޅޭ މިފަދަ ޑްރާމާތަކުގެ އަސްލު ހަގީގަތް މިއަދު ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭނެ ކަމަށެވެ.
Ads by MACL
