ފްލައިދުބާއީ ހާދިސާއާ ގުޅިގެން ދުބާއީން ދެ ދިވެހިން ހައްޔަރުކޮށްފި
ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ފްލައިދުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި، އެ އެއާލައިންގެ ދެ މުވައްޒަފުން ކަމަށްވާ ދެ ދިވެހިން ޔޫއޭއީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހައްޔަރުކޮށްފައެވެ.
އެ ދެ މީހުން ހައްޔަރުކުރިކަން ކަށަވަރުކޮށްދެއްވަމުން ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ، އެއީ ފްލައިދުބާއީގެ ވަޒީފާއާ ދާދި ފަހުން ގުޅުނު ދެ މީހުން ކަމަށެވެ.
ނަމަވެސް، އެ ދެ ދިވެހިންނާއި ބޯޓު ވައްޓާލަން އުޅުނު ހާދިސާއާ ސީދާ އޮތީ ކޮން ގުޅުމެއްކަން ނުވަތަ އެ މީހުންގެ މައްޗަށް ކުރެވެނީ ކޮން ތުހުމަތެއްކަން ސާފުނުވާ ކަމަށް ތަރުޖަމާނު ފާހަގަކުރެއްވިއެވެ. އަދި ދިވެހި ސަރުކާރުން އަންނަނީ ޔޫއޭއީ ސަރުކާރާ ގުޅިގެން އެ މީހުންނަށް ދޭންޖެހޭ ޤާނޫނީ އަދި އިދާރީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މި ހާދިސާ ހިނގާފައިވަނީ ދުބާއީން އިސްރާއީލުގެ ތެލް އަވީވަށް 174 ފަސިންޖަރުންނާއި 8 ކުރޫއިންނާއެކު ދަތުރުކުރި ފްލައިޓެއްގައެވެ. ފްލައިޓް ޓްރެކިން މައުލޫމާތުތަކުން އެނގޭ ގޮތުގައި، ބޯޓުން ފުރަތަމަ އާންމު އިމަޖެންސީ ކޯޑު 7700 ފޮނުވުމަށްފަހު، ކުޑައިރުކޮޅެއްގެ ތެރޭގައި ވަނީ ހައިޖެކްކުރުން ނުވަތަ ނުރައްކާތެރި އަމަލެއް ހިނގާކަން އަންގައިދޭ 7500 ގެ ކޯޑު ފޮނުވައި، ސިކުންތުކޮޅެއްގެ ތެރޭގައި ވަރަށް ތިރިއަށް ބޯޓު ތިރިކޮށްފައެވެ.
ޔޫއޭއީގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވަނީ މިއީ ބޯޓު ވައްޓާލުމަށް ކޯޕައިލެޓް ދިން ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ. ނަމަވެސް އިސްރާއީލުން ބުނެފައިވަނީ ބޯޓުގެ މިސްރާބު ބަދަލުކޮށް ސައުދީ އަރަބިއްޔާއަށް ޖައްސަން ޖެހުނީ ހައިޖެކެއްގެ ސަބަބުން ނޫން ކަމަށާއި، އެއީ ސަލާމަތީ ބޮޑު ނުރައްކަލެއް އޮވެގެން ނޫން ކަމަށެވެ.
Ads by MACL
