ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ އަބުޗާ ޖަލުން ދޫކޮށްލައިފި

އަބުޗާ ދޫކޮށްލީ ޕެރޯލްގެ ތެރެއިން ޝަރުތުތަކަކާއެކު ----
އަބުޗާ ދޫކޮށްލީ ޕެރޯލްގެ ތެރެއިން ޝަރުތުތަކަކާއެކު ----

މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ އައްޑޫ ސިޓީއަށް ނިސްބަތްވާ އަބްދުﷲ އިބްރާހީމް (އަބުޗާ) ޕެރޯލް އުސޫލުގެ ދަށުން ބަންދުން ދޫކޮށްލައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި ޕެރޯލްގެ ވަކި ޝަރުތުތަކަކާއެކު އޭނާ ބަންދުން ދޫކޮށްލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ނަމަވެސް އޭނާ ދޫކޮށްލި އިތުރު ތަފުސީލީ ޝަރުތުތަކެއް ކަރެކްޝަންސްއިން ހާމަކޮށްފައެއް ނުވެއެވެ.

ޕެރޯލް އުސޫލަކީ ޖަލު ހުކުމް ތަންފީޒުކުރަމުންދާ ގައިދީންގެ ތެރެއިން ގާނޫނީ ގޮތުން ފުރިހަމަވާންޖެހޭ މުއްދަތު ހަމަވެ، މުޖުތަމައަށް ނުރައްކަލެއް ނެތް ކަމަށް ބެލެވޭ މީހުންނަށް ވަކި ޝަރުތުތަކެއްގެ ދަށުން މުޖުތަމައަށް ނުކުމެ އުޅުމަށް ދެވޭ ފުރުސަތެކެވެ. މިގޮތުން ކަނޑައަޅާފައިވާ ޝަރުތުތަކާ އަބުޗާ ހިލާފުވެއްޖެނަމަ، ހުކުމުގެ ބާކީ ބައި ތަންފީޒުކުރުމަށް އޭނާ އަލުން ޖަލަށް ގެންދެވޭނެއެވެ.

އަބުޗާގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ރާއްޖެއަށް 98.6 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކަނޑުމަތިން އަތުލައިގަތް މައްސަލައިގައެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް އިއްވި ހުކުމް އިއްވާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

އޭނާގެ މައްޗަށް އުފުލި ދެ ދައުވާއަށް ބަލާއިރު، ކޮންމެ ދައުވާއަކަށް 25 އަހަރުގެ ހުކުމެއް އަންނާނެއެވެ. ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު ހެދި އެއްބަސްވުމެއްގެ ދަށުން އެއް ހުކުމް ވަނީ އުނިކޮށްދީފައެވެ.

އަބުޗާ ޕެރޯލްގެ ދަށުން ދޫކޮށްލިއިރު، ހުކުމުގެ ތެރެއިން އޭނާ ޖަލުގައި ހޭދަކޮށްފައިވަނީ ފަސް އަހަރު ދުވަހެވެ. އެހެންކަމުން އޭނާގެ ހުކުމުގެ ބާކީ އަދި 20 އަހަރު އޮތްކަން ފާހަގަކޮށްލެވެއެވެ.