އެގްރޯނެޓް ހިންގުން މިފްކޯގެ ދަށަށް ބަދަލުކުރުމަށްފަހު އިސް މަޤާމުތަކަށް އަނަސް އާއި ޝިނާން ހަމަޖައްސައިފި
ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) ހަމަޖެއްސުމަށްފަހު، އެ ކުންފުނީގެ ހިންގުމުގެ އިސް މަޤާމުތަކަށް މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ޝިނާން އައްޔަނުކޮށްފިއެވެ.
މި ބަދަލާއެކު އެގްރޯނެޓްގެ ޗެއާމަންގެ މަޤާމަށް އަނަސް އައްޔަނުކުރިއިރު، މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް ހަމަޖެއްސެވީ ޝިނާންއެވެ. މި ދެ ބޭފުޅުން މަޤާމުތަކަށް ހަމަޖެއްސެވިކަން ހާމަކޮށް މިފްކޯއިން ބުނެފައިވަނީ، މިއީ އެގްރޯނެޓްގެ ހިންގުން އިތުރަށް ހަރުދަނާވެގެންދާނެ އާ ފެށުމެއް ކަމަށެވެ.
ދަނޑުވެރިކަމުގެ އުފެއްދުންތައް ފުޅާކޮށް މާކެޓްކުރުމަށް އުފެއްދި އެގްރޯނެޓް، މިފްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވަނީ އިސްރާފު ކުޑަކޮށް، ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ދިނުމުގެ މަޤްޞަދުގައެވެ. މި ބަދަލާއެކު ދެ ކުންފުނީގެ އިދާރީ ހިންގުން ތަރުތީބުކުރުމުގެ މަސައްކަތްތައް މިހާރު އަންނަނީ ހިންގަމުންނެވެ.
Ads by BMLމި ބަދަލުގެ ސަބަބުން ދަތުރުވެރިންގެ މާރުކޭޓު ހުރި ބިމުގައި ތަރައްޤީކުރާ މާލޭ ވެޓް މާކެޓް ކޮމްޕްލެކްސްގެ ހިންގުންވެސް މިފްކޯގެ ދަށަށް ބަދަލުވެގެންދާނެއެވެ. ސަރުކާރުން އަމާޒުހިފާފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހަށް އެ މާރުކޭޓުގެ މަސައްކަތް ނިންމައި، މަސްވެރިންނާއި ދަނޑުވެރިންނަށް އެކަމުގެ ނަފާ ސީދާ ގޮތެއްގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ.
Ads by MACL
